ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވެ ގައުމު އިސްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ.

Ad
rt

މި މެސެޖުގައި މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ، މިއަދާއި ހަމައަށް ޖުމްހޫރީ ނިޒާމް ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ ރައީސުންނަށާއި، ވަޒީރުންނާއި، ވިޔަފާރިވެރިންނާއި އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މިނޫންވެސް ގައުމާއި ޖުމްހޫރީ ވެރިކަން މި ހިސާބަށް ގެނައުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ޝުކުރު އަރިސްކުރައްވާފައެވެ.

''ގައުމަށް ހަމަޖެހުން ބޭނުންވޭ، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވާން އެބަޖެހޭ، އެހެންވީމަ މިގޮތުގައި ކުރިއަށް ދިޔުމުގައި ހުރިހާ ބޭފުޅުންނަށް ވެސް މިދުވަހު ތަހުނިޔާ އަރިސްކުރަމުން އިލްތިމާސް ކުރަން'' އިންތިޚާބީ ރައީސްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރަނީ 56 ވަނަ ޖުމްހޫރީ ދުވަހެވެ.

މިއަދުގެ މުނާސަބާގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ޤައުމާއި މުޚާޠަބު ކުރައްވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު ޤައުމާއި މުޚާޠަބު ކުރައްވާނީ މިއަދު ހެނދުނު 10:00 ގައެވެ.