އެމަނިކުފާނަކީ ވަކިމީހެއް ބާކީކޮށް، އަދި ވަކިމީހެއް ދުރަށްލާފައި ކަންތައްތައް ކުރަށްވާނެ މީހެއް ނޫންކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެމަނިކުފާނުގެ މިޒާޖަކީ ގިނަ މީހުން ގޮވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ގިނަމީހުން މަޝްވަރާ ކުރަށްވައިގެން ކަންތައްތައް ނިންމަވާ ބޭފުޅެއް ކަމަށެވެ. އަދި ކަންކަން ނިންމަވާއިރު އިދިކޮޅުގެ މަޝްވަރާ ހޯއްދަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު 25 އަހަރު ރައްޔިތުންގެ މަޖިލިސްގައި ހޭދަ ކުރެއްވިއިރު އެއްވެސް މެންބަރަކާއި މައްސަލަ ޖެހިފައި ނުވާނެ ކަމަށާއި، މިހާރުވެސް އެއްވެސް ސިޔާސީމީހަކާވެސް މައްސަލައެއް އޮތް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ގިނަމީހުންނާއިއެކު މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު މިހާތަނަށް މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތްގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އަޅުގަނޑުހިތުން ރައްޔިތުން އަޅުގަނޑު މިމަޤާމަށް ހޮވާފައިވެސް މިހިރީ އަޅުގަނޑަކީ އެގޮތަށް ކަންތައް ކުރާ މީހެއްކަން އެނގިގެން، އެމްޑީޕީން އަޅުގަނޑަށް ޓިކެޓް ދިންއިރު އެމްޑީޕީގެ ލީޑަރުޝިޕަށްވެސް، އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ މަސައްކަތް. އެހެންވީމަ އަޅުގަނޑަކީ ވަކިމީހަކު ބާކީކޮށްފައި، ވަކިމީހަކު ދުރަށްލާފަ ކަންތައް ކުރާނެ މީހެއްނޫން''
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަބަދުވެސް ކަންކަން ނިންމަމުންދާނީ މަޝްވަރާ ކޮށްގެން ކަމަށާއި، އޭގެ ތެރޭގައި އެކީގައި ތިއްބެވި ފަރާތްތަކާއި ވަކިން ތިއްބެވި ފަރާތްތައް ވެސް ހިމެނޭނެ ކަމަށެވެ.
''އެހެންވީމަ ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިޔުމަކީ އަޅުގަނޑަކަށް ދަތިކަމެއް ނޫން.''
ރައީސް ވިދާޅުވިއެވެ.
ކޯލިޝަން ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވާ ވިދާޅުވީ ކެބިނެޓްގެ މަޤާމުތައް ބެހުމުގައިވެސް އެއްބަސްވުންތަކެއް ހުރިކަމަށެވެ. އަދި ކެބިނެޓުން ހުސްވި މަޤާމްތަކަށް ވަޒީރުން އައްޔަނު ކުރަށްވާފައިވަނީ އެހުސްވި ސްލޮޓެއް ނިސްބަތްވި ވުޒާރާއެއްގައި ހުރި މިނިސްޓަރަކު ހުންނެވި ޕާޓީއެއްގެ ލީޑަރާއި މަޝްވަރާ ކުރަށްވާފައި ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!