ހދ. ނޮޅިވަރަމުގައި އުފެދިފައިވާ ޒުވާން ޓީމެއް ކަމުގައިވާ "މުޖުތަމައު މުހިއްމު ސަފު (އެމްއެމްއެސް)" ޓީމުން އިންތިޒާމް ކޮށްގެން "އެމްއެމްއެސް ހޭންޑްބޯލް ޓޯނަމެންޓް 2020" ގެ ނަމުގައި އެ ރަށުގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
09 ނޮވެމްބަރ 2020 ވީ ހޯމަދުވަހު ނޮޅިވަރަމު ބަނދަރު ސަރަހައްދު ފުޓްބޯޅަ ދަނޑުގައި ފެށި މި މުބާރާތުގައި ޖުމްލަ 13 ޓީމަކުންވަނީ ބައިވެރިވެފައެވެ.
މުބާރާތުގައި ބައިވެރިވި ޓީމުތަށް ތިން ގުރޫޕަކަށް ބަހާލާފައިވާއިރު ގުރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ޗަކުލީ ގާލްސް، ކުރިމަގު، ސްޓެއިން، ކްލަބް ކުލަސްޓާގެ އިތުރުން އަލް ނިސާއެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ކޭޖީ ގާލްސް، ޕެނީ ގާލްސް، ސްޓޫޑިއޯ ގާލްސްގެ އިތުރުން މެޑްރިޑް ގާލްސްއެވެ. ގުރޫޕް ސީގައި ހިމެނޭ ޓީމްތަކަކީ ޓީމް އަވައްޓެރިން، އެމްއެމްއެސް ކަނބަލުންގެ އިތުރުން ޓީމް ކަންމައްޗެވެ.
މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ކުއާޓާގެ ޖާގަ ލިބިގެންދާއިރު، ކުއާޓާގެ ފަހު ދެ ޖާގަ ލިބިގެންދާނީ ހުރިހާ ގްރޫޕަކުން ތިންވަނަ ލިބޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ. ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތަކަށް ސެމީ ފައިނަލުގެ ޖާގަ ލިބިގެންދާއިރު ފައިނަލުގެ ޖާގަ ލިބިގެންދާނީ ސެމީފައިނަލް މެޗުތަކުން މޮޅުވާ ޓީމްތަކަށެވެ.
މުބާރާތުގެ ފުރަތަމަ ދުވަހު އެއްމެޗު ކުޅެފައިވާއިރު އެ މެޗުގައި ބައްދަލު ކޮށްފައިވަނީ ޗަކުލީ ގާލްސްއާއި ޓީމް ކުރިމަގެވެ. މި މެޗު 8-3 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޗަކްލީ ގާލްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަކުލީ ގާލްސްގެ ޖޯޒީ ނަމްބަރު 7 އައިޝަތު މައިޝާއެވެ.
10 ނޮވެމްބަރ 2020 ވީ އަންގާރަ ދުވަހުވަނީ މި މުބާރާތުގެ ދެ މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކޮށފައިވަނީ ޕެނީ ގާލްސްއާއި ކޭޖީ ގާލްސްއެވެ. މި މެޗު 10-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޕެނީ ގާލްސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެނީ ގާލްސްގެ ޖޯޒީ ނަމްބަރު 9 އަފްނާން އަޙްމަދު އަފްރާޙްއެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އަވައްޓެރިން އާއި އެމްއެމްއެސްއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އެމްއެމްއެސްގެ ޖޯޒީ ނަމްބަރު 1 އިމްޝާ އިސްމާއިލްއެވެ.
މި މުބާރާތުގެ ދެ މެޗު މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސްޓެއިން އަދި ކުލަބް ކުލަސްޓާއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ސްޓޫޑިއޯ ގާލްސްއާއި މެޑްރިޑް ގާލްސްއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2020 ވާ ބުދަދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!