ކުޅުދުއްފުށީ ސިޓީގެ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މިހާރު ހުސްވެފައިވާ ތިންޖާގައިގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދޭފޯމް އެ އިދާރާއަށް ހުށަހެޅުއްވުމަށެވެ.

Ad
rt

އިތުރަށް ބުނެފައިވަނީ މި ތިން ޖާގަ ދިނުމުގައި މިހާރު މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށެވެ. އަދި މިހާރު މަސްކެނޑުމުގެ ޚިދުމަތް ނުދޭ ފަރާތްތަކަކުން ކުރިމަތި ލައްވައިފިނަމަ ހޮވޭނެ ފަރާތެއް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.

މިކަމަށް ކުރިމަތި ލެއްވުމަށް ހާއްޞަ ކުރެވިފައިވާ ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން 10 ނޮވެމްބަރ 2020 ވަނަ ދުވަހުން ފެށިގެން 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ރަސްމީ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ މާލިއްޔަތުން ދެލައްކަ ސާޅީސް ހާސް ޚަރަދުކޮށްގެން ހަދާފައިވާ މި މަސް މާރުކޭޓް ހުޅުވައި، ޚިދުމަތްދޭން ފަށާފައި ވަނީ 25 މެއި 2015 ގައެވެ.