ރިޒޯޓު ތަކާއި ޓޫރިސްޓް ފެސިލިޓީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ‏ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ.

Ad
rt

"ފަތުރުވެރިަކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު."

މައުސޫމް ވިދާޅުވިއެވެ.

މައުސޫމް މިހެން ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވަނީ އޭނާ، މި ހިނގާ ނޮވެމްބަރު 6 ވަނަ ކުރެއްވި ޓުވީޓެއް ހިމަނުއްވާފަ އެވެ.

މިހާރު މިއޮތް ކޯވިޑް-19 ގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހާލަތަށް އިޝާރާތް ކުރަށްވާ އެ ޓުވީޓުގައި މިނިސްޓަރު މައުސޫމް ވިދާޅުފައިވަނީ މިކަމުގައި "ނުބީހެންޏާ ކަނޑާ ހަމައެއްނޫން" ކަމަށެވެ. އަދި ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު މި މޭރުމުން ވިދާޅުވިއިރު އޮކްޓޯބަރު 30 ވީ ހުކުރު ދުވަހުގެ ރޭ ވަނީ ފުރަތަމަ ފަހަރަށް ރިސޯޓަކުން ކޯވިޑް ބަލީގައި މީހަކު ނިޔާވެފައި އެވެ.

ދ. ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ އެ މީހާ އަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ މީހެކެވެ. އެމީހާއަކީ އެރިސޯޓުގެ މުވައްޒަފެކެވެ.

އެ މީހާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން އިނގިފައިވަނީ ނިޔާވި ފަހުން ނެގި ސާމްޕަލުންނެވެ.

އިއްޔެއާ ހަމަ އަށް ކަނޑިންމަ ރިސޯޓުން 50 މުވައްޒަފަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.