ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާ، 2020 ނޮވެމްބަރ 27 ގައި ބޭއްވުމަށް ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
މިގޮތުން އެ އެސޯސިއޭޝަންގެ ވަނީ ''ޤައުމީ ސްކައުޓް އެސެންބްލީގެ 2020ވަނަ އަހަރުގެ ފުރަތަމަ ޚާއްސަ ޖަލްސާއަށް'' ޙާޟިރުވުމަށް ސްކައުޓް ގުރޫޕުތަކުގެ މަންދޫބުން ފުރުޞަތު ހުޅުވާލާފައި އެވެ. އަދި މިޖަލްސާއަށް ޙާޟިރުވެ ބައިވެރިވެވޭނީ 2019 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ފީ ދައްކާފައިވާ ސްކައުޓް ގުރޫޕުތަކުގެ މަންދޫބުންނަށް ކަމަށް ސްކައުޓް އެސޯސިއޭޝުން ވަނީ ބުނެފައެވެ.
2020 ނޮވެމްބަރ 27 ވާ ހުކުރުދުވަހުގެ ހަވީރު 16:00ގައި ފެށަން ނިންމާފައިވާ މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އަދި އޮންލައިންކޮށް ބައިވެރިވުމުގެ ތަފްސީލުތައް ވަކިން ހިއްސާކުރެވޭނެ ކަމަށް އެ އެ އެސޯސިއޭޝުން ބުންޏެވެ.
މި ޖަލްސާގެ އެޖެންޑާގައި ވަނީ ސްކައުޓް އެސޯސިއޭޝަނުގެ ޚަޒާންދާރު އިސްތިއުފާ ދެއްވާފައިވާތީ، އެސޯސިއޭޝަނުގެ ހިންގާގަވާޢިދާއެއްގޮތަށް އެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތް އެ މަގާމުގައި ދެމިހުރުމާމެދު އެސެންބްލީއަށް ފެންނަ ގޮތެއް ނިންމުން ހިމަނާފައެވެ. އަދި ގައުމީ ސްކައުޓް ކައުންސިލްގެ ދައުރުގެ މުއްދަތު ހަމަވާ ތާރީޚަކީ 27 ސެޕްޓެމްބަރ 2021 ކަމަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރަރ ނިންމަވާފައިވާތީ އާއި، ކޯވިޑް 19 ގެ ހާލަތުގެ ސަބަބުން ސްކައުޓް ހަރަކާތް މަޑުޖެހުމާއި އަދި މިދަނޑިވަޅުގައި އައު އިންތިޚާބެއް ބޭއްވުން ދަތި ވާނެތީ ގައުމީ ސްކައުޓް ކައުންސިލްގެ ދައުރު އިތުރުކުރުމާމެދު އެސެންބްލީއަށް ފެންނަގޮތް ނިންމުން ވެސް މި ޖަލްސާގެ އެޖެންޑާގައި ވަނީ ހިމަނާފައެވެ.
ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ. އެގޮތުން ތާރީޚުގެ ތެރެއިން ސުނާމީ ކާރިސާގައި ސްކައުޓުންވަނީ ނަމޫނާ ހިތްވަރެއް ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!