ދިވެހިރާއްޖެ ކަހަލަ ޤައުމެއްގައި ކޮންވެންޝަލް އިންޝުއަރެންސަށްވުރެ އިސްލާމިކް އިންޝުއަރެންސް މާ ރަނގަޅުވާނެ ކަމަށާއި، ރާއްޖެއަށް އިސްލާމިކް ބޭންކިންގ ގެނައި ގޮތަށް އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް ރާއްޖޭގައި ތަޢާރުފުކުރަން ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ގޮވާލަށްވައިފިއެވެ.
މެންބަރު ޢަލީ މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ.
މެންބަރު ޢަލީ ވިދާޅުވީ ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގައި މި ހިނގަނީ ކޮންވެންޝަނަލް އިންޝުއަރެންސްކަން އެނގިގެންދާ ކަމަށެވެ. އަދި ކޮންވެންޝަނަލް އިންޝުއަރެންސްގައި ހުރި ގޮންޖެހުންތައް، ނުވަތަ ހަމަނުޖެހޭ ކަންތައްތައް ވެސް އޭގެ ޒާތުގައި ވަރަށް ބޮޑަށް ހިނގަމުންދާ ތަން ފެންނަމުންދާ ކަމަށެވެ.
''އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށްފަހުގައި އެ ހުންނަނީ ސްޓޭންޑަޑް ކޮންޓްކްސްޓްސް މި ހުންނަނީ. ކޮންޓްރެކްޓުތަކުގައި ހުންނަ ޓާމިނޮލޮޖީއާއި ބަސްމަގާއި، މި ހުންނަ ކަންތައްތަކަކީ އާންމުކޮށް ވަރަށް ރަނގަޅު ލޯޔަރުން ނޫނިއްޔާ މި ދާއިރާގެ ފަންނީ ލޯޔަރުންނަށް ނޫނިއްޔާ ނޭނގޭ ޒާތުގެ ބަސްތަކާއި، މި ހުރިހާ ކަންތައްތަކެއް ބޭނުންކޮށްގެން އިންޝުއަރެންސް ކުންފުނިތަކުން އާންމު ގޮތެއްގައި މީސްމީހުންނަށް ގެއްލުމުގެ ބަދަލު ނުވަތަ ކަމެއް ހިނގީމާ ދޭންޖެހޭ ބަދަލު އެކަށީގެންވާ ގޮތެއްގައި ދެވޭތަން އަޅުގަނޑުމެންނަކަށް ނުފެނޭ.''
ޢަލީ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ޢަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އުޅުއްވާ މެންބަރަކާއި ވާހަކަ ދައްކާލުމުން ގާތްގަނޑަކަށް ހަތަރު މިލިއަން، ފަސް މިލިއަނެއްހާ ރުފިޔާ ޕްރީމިއަމް ގޮތުގައި އަހަރު އިންޝުއަރެންސްއަށް ދައްކާކަމަށް ވިދާޅުވި ކަމަށެވެ.
''އެހެންނަމަވެސް، އަހަރެއްގެ ތެރޭގައި ގެއްލުމެއް ވެގެން މަދު ފަހަރަކުއޭ، މަދު އަހަރަކުއޭ ކޮމްޕެންޑޭޝަނަށް އެދެނީ. އެދޭ ފަހަރަކު ވެސް ގިނަ ފަހަރަށް ކޮންމެވެސް ކަހަލަ ބަހަނާއެއް އިންޝުއަރެންސް ކުންފުނިން ދައްކައޭ. އެހެންވީމާ، ކޮންމެވެސް ކަހަލަ ބަހަނާއެއް ދައްކާފައި ކޮންމެވެސް ގޮތަކަށް ލޯޔަރެއް މެދުވެރިކޮށް ކޯޓަށް ގޮސްގެން ދުވަހަކު ވެސް ކޮމްޕެންޓޭޝަން ލިބޭ ގޮތެއް ނޯވެއޭ. އާންމު ގޮތެއްގައި ކޮމްޕެންޒޭޝަނަކީ ދިވެހިރާއްޖޭގައި އިންޝުއަރެންސް ކުރުމަށްފަހުގައި ވެސް ގެއްލުމެއް ވީމާ އަބަދުވެސް މި އޮންނަނީ، މުދަލުގެ ވެރިފަރާތުގެ ކޮންމެވެސް އިހުމާލެކޭ ކިޔާފައި ނުވަތަ މުދަލުގެ ވެރިފަރާތުން ކުރި ކަމެއްގެ ސަބަބުން، ނުކުރެވި އޮތް ސަބަބުން، ނޫނިއްޔާ އުޅަނދެއްގައި ނަމަ، އެ އުޅަނދެއްގައި އަޅާފައި ހުރި އިންޖީނެއްގެ ޓެކްނިކަލް ފޯލްޓެއްގެ ސަބަބުން، ނޫނިއްޔާ ސަމުގާގެ ޓެކްނިކަލް ފޯލްޓެއްގެ ސަބަބުން، ނޫނިއްޔާ ގޫގުލް ޗާޓުގެ ޓެކްނިކަލް ފޯލްޓެއްގެ ސަބަބުން، ކޮންމެވެސް ކަމެއްގެ ސަބަބުން. އާންމު ގޮތެއްގައި އިންޝުއަރެންސް ކުންފުނިން ބަދަލުދޭ ހާލަތެއް މި އަންނަނީ ވަރަށް މަދުން.''
ޢަލީ ވިދާޅުވިއެވެ.
އެހެންކަމުން މިހާރުއޮތް އިންޝުއަރެންސް ނިޒާމު ހިނގާ ގޮތުގައި މައްސަލަތަކެއް ހުރިކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ އިސްލާމީ
ޤައުމަކަށް ވެފައި، ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީއިރު، އިންޝުއަރެންސްގެ ވާހަކަ ދައްކާއިރުގައި އިސްލާމިކް އިންޝުއަރެންސްގެ ނިޒާމެއް
ރާއްޖެއަށް ގެނައުމަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމަށް ޢަލީ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން އިންޑޮނޭޝިއާ ފާހަގަ ކުރަށްވަމުން އޭނާ ވިދާޅުވީ އިސްލާމިކް އިންޝުއަރެންސަކީ އެތަނުގައި ވަރަށް ބޮޑަށް، ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ.
''އިސްލާމިކް އިންޝުއަރެންސާއި ކޮންވެންޝަލް އިންޝުއަރެންސާ ހުރި ތަފާތަކީ، ކޮންވެންޝަލް އިންޝުއަރެންސްގައި ޕްރީމިއަމުގައި ދައްކާ އެއްޗެއް ދެއްކުމަށްފަހުގައި އެ އޮންނަ މުއްދަތުގެ ތެރޭގައި ގެއްލުމެއް ނުހިނގައިފި ކަމަށް ވާނަމަ، އެ ޕޭކުރި ޕްރީމިއަމް އެއްވެސް ގޮތަކަށް އެ މީހަކަށް ނުލިބޭނެ. އެހެންނަމަ އިސްލާމިކް އިންޝުއަރެންސްގައި މި ވާ ގޮތަކީ، ޕްރީމިއަމް ދެއްކުމަށްފަހުގައި އެ އޮންނަ މުއްދަތުގެ ތެރޭގައި، މިސާލަކަށް ޕްރީމިއަމް ދައްކަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް. ޕްރީމިއަމް ދައްކާފައި އެ ދެ އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ގެއްލުމެއް ނުވެއްޖެ ކަމަށް ވާނަމަ، އެ ދެ އަހަރު ދުވަހުގެ ތެރޭގައި ދެއްކި ޕްރީމިއަމް އެކުގައި އެ މީހަކަށް ލިބޭނެ.''
ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ އޭނާ ގަބޫލުކުރަށްވާ ގޮތުގައި ދިވެހިރާއްޖެ ކަހަލަ ޤައުމެއްގައި އިސްލާމިކް އިންޝުއަރެންސް، ކޮންވެންޝަލް އިންޝުއަރެންސަށްވުރެ މާ ރަނގަޅުވެފައި މާ ފައިދާކުރާނެ ކަމަށެވެ. އަދި ގެއްލުންތައް ކަލްކިއުލޭޓުކުރުމުން ވެސް އިސްލާމިކް އިންޝުއަރެންސް މާ ރަނގަޅުވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.
އެހެންކަމުން އެކަމާއި ފުންކޮށް ވިސްނުމަށްފަހުގައި އިސްލާމިކް ބޭންކިންގ ގެނައި ގޮތަށް އިސްލާމިކް އިންޝުއަރެންސް ރާއްޖެއަށް ތަޢާރަފުކުރަން ޖެހޭކަމަށާއި، އަދި އިސްލާމިކް އިންޝުއަރެންސަކީ ދިވެހިން އެންމެ ބޮޑަށް ތާއީދުކުރާ ނިޒާމު ކަމުގައި ވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ޢަލީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!