ޝަހީދު ޙުސައިން އާދަމަކީ އުތުރުގެ ފަޚުރެއްކަމަށާއި، އެ ޝަހީދުގެ ޖިހާދާއިމެދު ޝައްކު އުފަށްދާ މީހުންގެ ޤައުމިއްޔަތާ މެދު ޝައްކުއުފައްދަވާ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިމޭރުމުން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްއާބެހޭ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ.
ޔާސިރު ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައިވާ އިންޝުއަރެންސްއާބެހޭ ބިލު ޤާނޫނަކަށް ވެގެން ދިޔުމުން ރައްޔިތުންނަށް ބޮޑު ލުޔެއް އަދި ފަސޭހަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރަށްވާ ކަމަށެވެ. އަދި އެއާއެކީގައި އިންޝުއަރެންސްގެ ބިލަށް ވާހަކަދައްކާއިރުގައި، އިންޝުއަރެންސްއިން ވިޔަސް، އަދި އެހެން ކަމެއް ވިޔަސް ކުރިއަށްގެންދެވޭނީ މި ރާއްޖޭގައި މިނިވަން ކަމެއް އޮވެގެން ކަމަށް ޔާސިރު ވިދާޅުވިއެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު، 1153 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ މިއަދާ ހިސާބަށް އައިއިރުގައި 3 ފަހަރެއްގެ މަތީން ދިވެހިންގެ މިނިވަންކަން ގެއްލިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.
''އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން، 15 އަހަރާއި 1 މަހާއި 11 ދުވަހު އަޅުގަނޑުމެން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ތިބި. ހަމަ އެއާއެކީގައި 3 މަހާއި 12 ދުވަހު މަލާބާރީންގެ އަޅުވެތިކަމުގައި ތިބެން. އަދި އެންމެ ފަހުން އަޅުގަނޑުމެންގެ ވެރިކަން ގެއްލިފައިވަނީ 1988 ވަނަ އަހަރުގައި 18 ގަޑިއިރަށް. މިއިން ކޮންމެ ފަހަރެއްގައި ވެސް އަޅުގަނޑުމެންގެ މިނިވަންކަން އަލުން އަނބުރާ ހޯދައިދީފައިވަނީ ދިވެހި، ފަޚުރުވެރި ދިވެހި ދަރިން''
ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ 3 ނޮވެންބަރުގައި ދިވެހިރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކުން ޤައުމު މި ހާލަތަށް ގެނައުމަށް ޓަކައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ސިފައިން ކަމަށެވެ. އަދި 3 ނޮވެންބަރުގެ އުދުވާނީ ހަމަލާގައި ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށް ޔާސިރު ވިދާޅުވިއެވެ.
''ހަމަ އެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން، ޙުސައިން އާދަމަކީ، ޝަހީދު ޙުސައިން އާދަމަކީ އުތުރުގެ ފަޚުރެއް. ހަމަ އެއާއެކީގައި އެ ބަޠަލުގެ ޒިކުރާ؟ އާދެ! ޖިހާދާ މެދު ޝައްކުއުފައްދާ އެއްވެސް ފަރާތަކީ، އެއްވެސް ފަރާތެއްގެ ޤައުމިއްޔަތާ މެދު އަޅުގަނޑު ހަމަ ޝައްކުއުފައްދަން.''
ޔާސިރު އިތުރަށް ވިދާޅުވިއެވެ.
ޝަހީދު ޙުސައިން އާދަމް އެ ދުވަހު އެ ދެއްކި ވާހަކަތައް ހިތްވަރުގަދަކަމާއި، އެ ކުއްލި ހަމަލާތަކުން އެ ދުވަހު ޓެރަރިސްޓުން ފަހަތަށް ޖެހުނު ކަމަށާއި،
ޙުސައިން އާދަމަކީ މުޅި އުތުރުގެ އަދި ދިވެހިރާއްޖޭގެ ފަޚުރެއް ކަމަށް ޔާސިރު ވިދާޅުވި އެވެ.
އެ ޝަހީދުންނަށް ނިސްބަތްކޮށް ބަދުބަސްތައް ބުނާ މީހުންނަކީ ދިވެހިރާއްޖެއަށާއި އަދި ޚާއްޞަކޮށް ދިވެހީންނަށް ބަދު ބަސް ބުނާ ބަޔެއް ކަމަށް ޔާސިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!