ސަރުކާރުން ހިންގަވާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއެއް ކަމަށްވާ "ހިޔާ" މަޝްރޫއުގެ އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ H6 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.
މިކަން ހާމަކުރައްވާ ''ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ''އިން މިއަދު ނެރުއްވާފައިވާ އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތައް ވަނީ ޝާއިޢުކުރައްވާފައިވެއެވެ.
މީގެއިތުރުން މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ހާމަކުރައްވާފައި އެވެ.
އެ ޢިއުލާންގައި ''ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ''އިން އިތުރަށް ބުނީ އެ ކޮމެޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމަށެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް ދެ ފަރާތުން ވެސް ފޯމު ހުށަހަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް، އެ ފަރާތަކަށް ކަމުގައި ވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.
މިއަދު އާންމުކުރި ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މި މަހުގެ 16 ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށައެޅޭނެއެވެ. އަދި ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށްވެސް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!