އޮންލައިންކޮށް ޖުވާ ކުޅުމާއި ޓުރޭޑް ކުރުމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބޭނުން ނުކުރެވޭގޮތް ހަދައިފި އެވެ.

ބައެއް މަރޗަންޓް ވެބްސައިޓްތަކުގައި ކާޑުގެ މުއާމަލާތް ނުކުރެވޭގޮތް ހަމަޖެއްސުމާއި ގުޅޭގޮތުން އެބޭންކުން ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ ގާނޫނާއި ގަވައިދުތަކާ ޚިލާފު މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް ބޭންކުން ވަނީ ނިންމާފަ ކަމަށެވެ.

Ad
rt

މި ގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކާއި މި ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަނުން އިތުރުވެފައިވާ އޮންލައިން ޓްރޭޑިންގ ސައިޓްތައްވެސް ބްލޮކް ކުރުމަށް މިވަނީ ހަމަޖެހިފައި ކަމަށެވެ.

ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިންގ ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ މިދަނީ ބޭރުވަމުންނެވެ. މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އެބޭންކުގެ ދެންނެވުމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެދެންނެވުމުގައި ބުނެފައިވަނީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓަރކުރަމުންދާނެކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަށެވެ.

އަދި މިނިންމުމާ ބެހޭ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ހިއްސާކުރެވިފައިވާނެކަމަށްވެސް ބުނެފައިވެއެވެ.