މިފެށޭ 2021 ވަނަ އަހަރު ގްރޭޑް 1 އަށް ވަދެވޭނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 7 އަހަރު ފުރިފައިތިބޭނެ ކުދިންނަށްކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އައު ދިރާސީ އަހަރުގެ ކިޔެވުން ފަށަން އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމާފައި ވަނީ އަންނަ އަހަރު އޯގަސްޓްމަހުގެ 10 އެވެ.

Ad
rt

އެއާއިއެކު ދިރާސީ އައު އަހަރު، ގްރޭޑް 1 އަށް ދަރިވަރުން ވައްދާނެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެކުލަވާލައި ސްކޫލްތަކަށް ފޮނުވާފައެވެ.

މިއުސޫލުގައިވާ ގޮތުން 2021 ވަނަ އަހަރު ގްރޭޑް 1 އަށް ވަދެވޭނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ޢުމުރުން 7 އަހަރުވެފައިވާ ކުދިންނަށެވެ. އަދި 2022 ވަނަ އަހަރުގެ މާޗުމަހުގެ ނިޔަލަށް އުމުރުން 7 އަހަރު ފުރޭނެ ކުދިންގެ ބެލިވެރިންނަށް އެކުދިން ގުރޭޑު އެކަކަށް ވެއްދުމުގެ އިޚްތިޔާރު އޮންނާނެކަމަށް އެ އުސޫލުގައި ވެއެވެ.

މި އުސޫލުގައި ބުނާގޮތުން އެލްކޭޖީއަށް ވައްދާނީ އޯގަސްޓް 1، 2021 އަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. އަދި ޔޫކޭޖީ ފުރިހަމަކޮށްފައި ވަނީ ހަ އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (މާޗު 31، 2022) އާ ހަމައަށް ހަތް އަހަރު ފުރޭ ދަރިވަރަކަށް ވެއްޖެ ނަމަ ބެލެނިވެރިޔާ ބޭނުން ނަމަ އެ ދަރިވަރަކަށް ގްރޭޑު 1 ން ޖާގަ ލިބޭނެ އެވެ. އެލްކޭޖީގައި ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރޭ ދަރިވަރުން ތިބިނަމަ ދަރިވަރުގެ ބެލެނިވެރިޔާއާއި ސްކޫލާ މަޝްވަރާކުރުމަށްފަހު އެ ފަދަ ދަރިވަރުންނަށް ގްރޭޑު 1 އިން ޖާގަ ހަމަޖެހިގެންދާނެ ކަމަށާއި އެފަދަ ދަރިވަރުން ގްރޭޑު 1 އަށް ގެންދިއުމަށްޓަކައި ސްކޫލުން ހާއްސަ ޕްރޮގްރާމެއް ރާވަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުންޏެވެ.

މިހާތަނަށް މިނިސްޓްރީން ޢަމަލުކުރަމުން އައިސްފައިވަނީ އެއްހަރެއްގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ކުދިންނަށް ގްރޭޑް 1 އިން ޖާގަ ދިނުމުގެ އުސޫލަށެވެ. އަދި މިހާރު ޕްރީ ސްކޫލް ތަޢުލީމަކީވެސް ސަރުކާރުގެ ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ ދަރިވަރުން އަލަށް ވައްދާނީ އެލްކޭޖީއަށެވެ. އަދި އެލްކޭޖީން ޖާގަ ދެމުން އައިސްފައިވަނީ އެހަރެއްގެ ޖެނުއަރީއަށް 1 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ބަދަލުގެނެސް އެޑިޔުކޭޝަނުން ކުރިން އާންމުކޮށްފައިވާ އައު އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24 ގައެވެ.