ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމެނެންޓް ސެކެރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒް، މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ހުރުމަށްފަހު ސަސްޕެންޝަން އުވާލައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒްގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަސްޕެންޝަން އުވާލުމާ ގުޅިގެން މިއަދު ވަޒީފާ އަށް ނިކުންނަވަން ވަނީ ފައްޓަވާފަ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިދިޔަމަހުގެ 1 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަޔާޒްއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވުމުން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް ފަޔާޒު އޮފީހަށް ނުުކުތުން މަނާ ކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މީގެ ކުރިންވަނީ ބުނެފައެވެ.
ސީއެސްސީން ބުނީ ފަޔާޒް ސަސްޕެންޑްކުރީ ސިވިސް ސާވިސްގެ ގަވައިދުގެ 258 ވަނަ މާއްދާގެ (ނ)ގެ އެއް ވަނަ ނަންބަރުގެ ދަށުން ކަމަށެވެ. އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑްކޮށްފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ބަލަމުންދާ މައްސަލަތަކެއްގައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ފަޔާޒު ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. ފަޔާޒަކީ ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތަކުގައި ހަ އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ހިންގުމުގެ ދާއިރާގައި އޭނާ ވަނީ 11 އަހަރު ހޭދަކުރައްވާފައެވެ.
ފަޔާޒަކީ ހިންގުމުގެ ދާއިރާގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ތަފާތު މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަ އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރުގެ އެކި ވަޒީފާތަކުގައިފަޔާޒު ހިދުމަތް ކުރެއްވި އެވެ.
ޕާމަނެންޓް ސެކެޓްރީއަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވިސްގެ އެންމެ އިސް އޮފިޝަލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!