މި މަހުގެ 25 ވަނަ ދުވަހު ހެނދުނު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ބަޔަކު ފޭރެން އުޅުނު ހާދިސާގައި، ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑުގެ އަގުވަޒަންކޮށް، 50،000 ރުފިޔާ މިއަދު ދީފި އެވެ.

ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި "އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން" ގެ ސެކިއުރިޓީ ގާޑު މުހައްމަދު ހަސަން މަނިކަށް، އެ ފޭރުން ހުއްޓުވިކަމުގެ އަގު ވަޒަންކޮށް 50،000 ރުފިޔާ އާއި، ރަމްޒީ ލިއުމެއް ދީފައި ވަނީ ރޫޓް ފިހާރަ ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު އެވެ.

Ad
rt

ރާއްޖޭގައި ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރެން މި މަހުގެ 25 ވަނަ ދުވަހު ބަޔަކު މަސައްކަތް ކުރީ، އެ ފައިސާތައް ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންގޮސް ފައިސާތައް ވޭނުން ބާލަން އުޅެނި ކޮށެވެ.

އާންމު ވެފައިވާ އެހާދިސާ ފެންނަ ވީޑިއޯގައި ފެންނަ ގޮތުން، ފައިސާ ހިފައިގެން ދިޔަ ވޭން މަޑުކޮށް ފައިސާތައް ބާލަން ތައްޔާރު ވުމުން، ހެލްމެޓު އެޅި ހަތަރު މީހަކު ގޮއިސް އެ ފައިސާތައް ފޭރެން މަސައްކަތް ކުރެއެވެ. ނަމަވެސް އެ ފޭރުން ނާކާމިޔާބު ކޮށްލާފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ސެކިއުރިޓީ ގާޑާއި، އަދި ފައިސާ ހިފައިގެން އައި މީހުންގެ މަސައްކަތުންނެވެ.

ރޫޓު ފިހާރައާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ އެފައިސާތަކުގެ ޖުމްލަ ޢަދަދު 4.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.