ސްވިޒަލެންޑްގެ "ރިސްކް ކަންޓްރީސް" ގެ ލިސްޓުން ރާއްޖެ އުނިކޮށް އެ ޤައުމުގެ ރައްކާތެރި ކަމުގެ ލިސްޓްގައި ރާއްޖެ ހިމަނައިފިއެވެ.

ސްވިޒަލެންޑުގެ ރައްކާތެރި ކަމުގެ ލިސްޓުގައި ރާއްޖެ ހިމެނުމާއިއެކު މިހާރު އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ އެ ޤައުމަށް ދިޔުމަށްފަހު ކަރަންޓީނުވާން ނުޖެހޭނެއެވެ.

Ad
rt

ކޯވިޑުގެ ބަލިމަޑުކަމާއި ގުޅިގެން މި އަހަރުގެ މާޗު 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި ހުޅުވާލުމާއިއެކު ރާއްޖެއަށް ދަތުރު ފަށާފައިވާ އެއާލައިނުތަކުގެ ތެރޭގައި ސްވިޒަލެންޑުގެ އެޑެލްވައިސް ވެސް ހިމެނެއެވެ. ސްވިޒަލެންޑަކީ ފަތުރުވެރިކަމުގައި ރާއްޖޭގެ މުހިއްމު މާކެޓަކަށް ވުމާއިއެކު މި ބަދަލާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ފައިދާތަކެއް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސްވިޒަލެންޑުގެ ރައްކާތެރި ކަމުގެ ލިސްޓްގައި ރާއްޖެ ހިމެނިއިރު މީގެކުރިން އިނގިރޭސިވިލާތާއި ގަތަރުން ވެސް ވަނީ އެ ޤައުމުތަކުގެ ރައްކާތެރި ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންނަށް 96 ގަޑިއިރު ނުވާ ކޯވިޑް ނެގެޓިވް ޕީސީއާރު ޓެސްޓްގެ ނަތީޖާ ބޭނުންވާއިރު ފަތުރުވެރިންނަށް ރިސޯޓު، ގެސްޓުހައުސް އަދި ސަފާރީތަކުގައި ސްޕްލިޓް ސްޓޭ ކުރުމުގެ ފުރުސަތު މިހާރު ސަރުކާރުން ވަނީ ދީފައެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން 31،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.