އަދާލަތު ޕާޓީގެ ޤައުމީ މަޖިލިސް 2021 ވަނަ އަހަރުގެ ފެބުރުއަރީ މަހު ބާއްވަން ނިންމައި، އެކަން އިޢުލާނުކޮށްފި އެވެ.

އެކަން ހާމަކޮށް އެ ޕާޓީން ކޮށްފައިވާ އިޢުލާނުގައި ބުނީ 2021 ވަނަ އަހަރު ފެބުރުއަރީ 26 އާއި 27 ގައި އެ ޕާޓީގެ ޤައުމީ މަޖިލިސް ބާއްވަން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެ ޕާޓީން އިތުރަށް ބުނީ މި ޤައުމީ މަޖިލީހުގައި އެ ޕާޓީގެ އެކި މަގާމުތަކަށް މީހުން ހޮވާނެ ކަމަށާއި، އެ ގޮތުން އެ ޕާޓީގެ ރައީސާއި ނައިބު ރައީސާއި ދާއިރާތަކުގެ ރައީސުންނާއި އަދި ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އަދި މީގެ އިތުރުން އެ ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި އަދި ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައި އެވެ.

އެ އިއުލާންގައި އިތުރަށް ބުނެފައިވަނީ ޤައުމީ މަޖިލީހަކީ ކޮންމެ ދައުރެއް ނިމުމުން ބޭއްވުމަށް އަދާލަތު ޕާޓީގެ ދުސްތޫރު ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ރުކުން ކަމަށެވެ. އެގޮތުން ޤައުމީ މަޖިލީހުގައި ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޝްވަރާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އިދާރީ މަޖިލީހާއި އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ އިތުރުން ދާއިރާތަކާއި ގޮފި ތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިހާރު އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.