ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ. އޭނާގެ މައްޗަށް ޕީޖީން ދައުވާ ކުރަން ނިންމާ އެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަން އިދިކޮޅު ކޯލިޝަނުން ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ.
އެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އަދުރޭ މައްޗަށް ދައުވާ ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު އެއްޗިހިކީ މައްސަލާގައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އަދުރޭ މީޑިއާއަށް ވިދާޅުވީ މި މައްސަލައަކީ އިދިކޮޅުގެ އަޑު ކަނޑުވައިލަން މި ސަރުކާރުން ހިންގާ އަމަލެއް ކަމަށާއި އިދިކޮޅުގެ އަޑު ކަނޑުވައިނުލެވޭނެ ކަމަށެވެ. އަދި އަދުރޭ ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވަރަކަށް ދައުވާ އުފުލައި ޝަރީއަތް ހިންގި ނަމަވެސް ބިރު ނުގަންނާނެ ކަމަށެވެ.
މިއަހަރުގެ އޯގަސްޓު މަހުގެ 31 ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ އެ އިދާރާގެ ބޭރުގައި ހުންނަވައި މީޑިއާތަކާ ވާހަކަ ދައްކަވަމުންވެސް އަދުރޭ ''އައުގުރާނަ'' ގޮވި މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެވެ. އެމައްސަލާގައި އަދި ދައުވާކޮށްފައެއް ނުވެ އެވެ.
އަދުރޭ އަކީ މިވަގުތު އިދިކޮޅު ހަރަކާތްތައް ލީޑުކުރަށްވާ އިސް ލީޑަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!