ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި، އެރަށުގެ ޓާސްކު ފޯހާއި، ކައުންސިލާއި އަދި މިނޫންވެސް އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކާއި ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުންތަކާއި ގުޅިގެން ކޭއާރުއެޗުން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެޗްއީއޯސީގެ ތަޖުރިބާ ކުޅުުދުއްފުށީ ޓާސްކް ފޯސްއާ ހިއްސާ ކުރެއްވުމަށް ހެލްތު މިނިސްޓްރީ، އެޗްޕީއޭ، އެޗްއީއޯސީ، ޓެގް، ސީމެޓް އަދި އެންޑީއޭ ހިމެނޭ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލި ޓީމާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

Ad
rt

ކޭއާރުއެޗުން ބުނީ ކުޅުދުއްފުށީގައި ބަލި ފެނުމުގެ ކުރިއަށް ދުރާލައި ގިން ކަންތައްތަކެއް ކުރެވިފައި ވާތީ މި މަސައްކަތުގައި ގިނަ ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ލޮކްޑައުން އަދި ކާފިއު ހިންގުމާއި، ފުލޫ ކުލިނިކު ޤާއިމު ކުރެވިފައި ވުމާއި، ޕީސީއާރު ލެބް ޤާއިމު ކުރެވިފައި ވުމާއި، ޓްރާންސިޓް ކަރަންޓީނު ފެސިލިޓީ ހޯދިފައިވުމުގެ އިތުރުން ކޯވިޑާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި ޓާސްކް ފޯސް ގުޅިގެން ކުރެވިފައި ވާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކޮށްފައި އެވެ.

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުގެ މިފަހަރުގެ ދަތުރުގައި އެރަށް ކޮމިއުނިޓީ ސްޕްރެޑްއަކަށް ހިނގައްޖެނަމަ ކަންތައްތައް ކުރާނެ ގޮތާއި، ކޯވިޑް ފެސިލިޓީ، ޓްރާންސިޓް ކަރަންޓީނު ފެސިލިޓީ، ފުލޫ ކުލިނިކް، ޓްރަޔޭޖް ކުރުން، ހޮސްޕިޓަލް ޕާތުވޭ، ހޮސްޕިޓަލް ގައިޑްލައިންސް ފަދަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ކޭއާރުއެޗުން ބުންޏެވެ.

ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްއޯއީސީން ބުނެފައިވާއިރު، އެރަށް އަދިވެސް އޮތީ މޮނިޓަރިން ހާލަތުގައި އެވެ.

24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުޅުދުއްފުށި ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 9 ކޭސް ވަނީ ފެނިފައެވެ. އެއީ6 ދިވެހިންނާއި 3 ބިދޭސީންނެވެ.