ދިވެހި ތާރީޚާއި ގުޅުވައި ކައްކާ ފޮތެއް ނެރެފިއެވެ.
"ޝެފް މޯޑު" ގެ ބްރޭންޑިންގް އިފްތިތާޙުކުރުމުގެ މި ޖަލްސާގައި ވަނީ ދިވެހި ނަންނަތަކެއް އެކުލެވޭ، ދިވެހި ވަންތަ ރެސިޕީ ތަކަކާއި އެކު މި ފޮތް ނެރެފައެވެ.
ހެންވޭރު އާރާގޭގައި އޮތް މި ޙަފްލާގައި، މި ފޮތް ނެރެދެއްވާފައިވަނީ، މިނިސްޓްރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އެންޑް އެމްޕަވަރމެންޓް އަހުމަދު މަހުލޫފްއެވެ.
"ޓޭސްޓް ހޯމް"ގެ ނަމުން ނަންދީފައިވާ މި ފޮތަކީ ޝެފް މޯޑުގެ މުޅިންވެސް އަމިއްލަ އުފެއްދުންތަކެކެވެ. އަދި މި ފޮތަކީ، އިނގިރޭސި ބަހުން ލިޔެފައިވާ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ލިޔެ ތައްޔާރުކޮށްފައިވާ ފޮތެކެވެ.
މި ފޮތުގެ އެންމެ ޚާއްސަ އެއްކަމަކީ، މި ފޮތުގެ ރެސިޕީ ތަކަށް ދިވެހި ތާރީޚާއި ގުޅުވައިގެން ނަންކިޔާފައިވުމެވެެ. މި ގޮތުން، މަސްވެރިޔާ، ކަނބަލުން، ފެނުޕަރީ އަދި ދަންޑަހެލު ހިމެނެއެވެ. އަދި ހަމަ އެހެންމެ، ކޮންމެ ނަމަކާއި ބެހޭ ތަޢާރަފެއްވެސް ވަނީ މި ފޮތުގައި ހިމަނާފައެވެ.
ޝެފް މޯޑުގެ މި ފޮތުގެ އިތުރުން، އޭނާގެ ކެއްކުންތަކުގެ ރެސިޕީތައް އެކުލެވޭ ވެބްސައިޓެއްވެސް ވަނީ މި ހަފްލާފައި އިފްތިތާޙު ކޮށްފައެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވެފައިވަނީ، ރާއްޖޭގެ ޒުވާނަކު މިހާ ބުރަ މަސައްކަތަކެއް ކޮށް މި ފަދަ ކަމެއް ކުރީތީ ޝުކުރުވެރިވާ ކަމަށެވެ.
ޝެފް މޯޑުގެ ރެސިޕީ އެކުލެވޭ ފޮތް އަދި ވެބްސައިޓުގެ އިތުރުން އޭނާ ވަނީ ދިވެހި ވަންތަ "ބަދިގެ" ނަމަކަށް ކިޔާ ރެސްޓޯރެންޓްއެއް ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތްކުރަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި، މި ރެސްޓޯރެންޓްއިން ހުސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ހުޅުވާލެއްވުމަށް މަސައްކަތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!