އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ ކުޑަކަމެއް ނޫން ކަމަށާއި، އެއީ ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ''އަހާށޭ ބުނާނަން'' ޕްރޮގްރާމްގައި، ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ކުރިން ފެތުރިފައިވާ ޚަބަރާއި ގުޅިގެން އެހުން ތެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ދެއްކެވި އެވާހަކަތައް މީޑިއާތަކުގައި ގެނެސްދީފައި ވަނިކޮށެވެ.

Ad
rt

މިނިސްޓަރު އިމްރާން ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ އެއީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އޭނާ އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކައާއި ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން ވިދާޅުވިއެއްޗެއްގެ ހަޤީޤަތް އޮޅޭ ކަމަށެވެ.

''އަންހެނަކަށް ޖިންސީ އަނިޔާ ނުވަތަ ފުރަށްސާރަ ކުރުމަކީ ކުޑަކަމެއް ނޫން، އެއީ ބޮޑު ކަމެއް، އެއީ ކުޑަކަމެއް ކަމަށް އަޅުގަނޑު ބުނެފައެއް ވެސް ނުވާނެ، އަޅުގަނޑާއި ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އަޅުގަނޑު ބުނިއެއްޗެއްގެ ހަޤީޤަތް އޮޅޭ،''

މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

''އަޅުގަނޑު އެދެނީ ދިވެހި ހުރިހާ ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެސަނަލް މިންގަނޑުތައް ހިފަހަށްޓެވުން.''

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭނާ ވިދާޅުވި އެއްޗެއްގެ ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އޭނާގެ މަޤްޞަދު ނޫންކަން ސާފުކޮށް ދަންނަވާ ކަމަށެވެ. އަދި އޮޅުން އަރާފައިވާ ބަހެއް ބުނެވިފައިވާ ނަމަ މަޢާފަށް އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

''އަޅުގަނޑު ބުނިއެއްޗެއް ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އަޅުގަނޑުގެ މަޤްޞަދު ނޫންކަން ސާފުކޮށް ދަންނަވަން، އަދި އޮޅުން އަރާފައިވާ ބަހެއް ބުނެވިފައިވާ ނަމަ މަޢާފަށް އެދެން.''

މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު މިމޭރުމުން ވިދާޅުވެފައިވާއިރު އެ ޕްރޮގްރާމްގައި މިނިސްޓަރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އަދި ޖިންސީ ގޯނާއާއި ދެކޮޅަށް އަޑު އުފުލަން މިއަދު ޖިންސީ ގޯނާއާއި ދެކޮޅަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ވޮއިސް އޮފް ޗިލްޑްރެންސް" ވަނީ އެއްވެފައި އެވެ.