އެކިފަހަރުމަތިން ރާއްޖެ އަށް ޕޯސްޓްގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު 503 ގުރާމް ޑުރަގު އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނެފައިވަނީ، މިދިޔަ ހަތަރު ވަރަކަށް މަސް ތެރޭގައި ޕޯސްޓުގެ ޒަރީއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެންފައިވާ ކަމަށެވެ.

Ad
rt

ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގެންފައިވަނީ މިއަހަރުގެ ޖޫން 28 އިން 13 އޮކްޓޯބަރުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ޕާޓީ ޑުރަގް އާއި ކެނަބިސް އަދި ކޮކޭން ހިމެނެ އެވެ. އަދި އެތަކެތި އެންމެ ގިނައިން އެތެރެ ކުރަން މަސައްކަތް ކޮށްފައިވަނީ ގްރޭޓް ބްރިޓަން އިންނާއި ނެދަލެންޑްސް އިންނެވެ.

އެގޮތުން ގްރޭން ބްރިޓަން އިން ޖުމްލަ 173 ގުރާމްގެ މަސްތުވާތަކެތި އެތެރެކޮށްފައިވާއިރު، ނެދަލެންޑްސް އިން އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި ހުރީ 82 ގުރާމެވެ. ދެން ހިމެނެނީ އިތިއޯޕިއާއިން އެތެރެ ކުރަން އުޅުނު 248 ގުރާމްގެ ކޮކޭން އެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި:

  • ކޮކޭން: 248 ގްރާމް (ޕައުޑަރު)
  • ކެނަބިސް: 128 ގްރާމް
  • އެކްސްޓެސީ: 47 ގްރާމް (116 ޓެބްލެޓް)
  • އެކްސްޓެސީ: 17 ގްރާމް
  • އެކްސްޓެސީ: 16 ގްރާމް
  • ކެޓަމިން: 12 ގްރާމް
  • އެކްސްޓެސީ: 12 ގްރާމް (42 ޓެބްލެޓް)
  • އެކްސްޓެސީ: 10 ގްރާމް (ޕައުޑަރު)
  • ކެނަބިސް: 6 ގްރާމް (1 ދަޅު)
  • ކޮކޭން: 3 ގްރާމް (3 ޕެކެޓު)
  • ކޮކޭން: 3 ގްރާމް (3 ޕެކެޓު)
  • ކެނަބިސް: 1 ގްރާމް (14 ކެނަބިސް އޮށް)

ކަސްޓަމްސް އިން ބުނީ، އެތަކެތީގެ ބަރުދަނުގައި ޖުމްލަ 503 ގުރާމް ހުރި އިރު، މަގުމަތީ އަގު ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ހަވާލުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.