ހެލްތު މިނިސްޓަރުގެ މަގާމަށް އަހުމަދު ނަސީމް (ކެރަފާ ނަސީމް) މިއަދު އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވައި މަޤާމުގެ ހުވައިކުރެއްވުމާއި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

އެ މަނިކުފާނަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ. ހުވައިކުރެއްވުމަށްފަހު، އަޙްމަދު ނަސީމް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.

އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.

މިނިސްޓަރ އޮފް ހެލްތުގެ މަގާމަށް އަޙްމަދު ނަސީމް ރައީސް މި އައްޔަން ކުރެއްވީ، ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން ހެލްތު މިނިސްޓަރަކަށް ކުރިން ހުންނެވި ޢަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިމައްސަލައިގައި މީގެ ކުރިން އޭރުގެ މިނިސްޓަރު އަމީން މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގަތުމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެ މަޤާމު ވަގުތީގޮތުން ހަވާލުކުރެއްވީ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމްއާއެވެ. ވަގުތީގޮތުން ހެލްތު މިނިސްޓްރީ ހިންގެވުމާއި ހަވާލުކުރައްވާފައިވަނީ ހުސްވި އޯގަސްޓުމަހުގެ 18 ވަނަ ދުވަހުގައެވެ.