އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ މައްޗަށް އިތުބާރެއް ނެތް ކަމަށާއި، އެ މެންބަރުން ވަކި ކުރަން ހުށހަޅުއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއީލު މިހެން ވިދާޅުވީ ކޯވިޑާއި ގުޅިގެން ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އޭސީސީއިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން މިއަދު ނިންމާފައި ވަނިކޮށެވެ.
ީ''މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފާވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސްއަރުވާލާފާ، ދަށްފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީ.ޖީ އޮފީހަށް ފޮނުވުގެ ނަތީޖާ. އޭ.ސީ.ސީ އަށް އިތުބާރެއް ނެތް، ވަކި ކުރަން ހުށައަޅާނަން.''
މިކާއީލް ވިދާޅުވިއެވެ.
މީކާއީލް މިހެން ވިދާޅުވިއިރު، ޕީޖީ އޮފީހުން މިއަދު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑެކްލައިންކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި، އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަމުން އޭސީސީން ބުނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށެވެ.
މި މައްސަލައަކީ، އެސީސީން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.
މި މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރާކަމަށް އެ މައްސަލަ ނިންމައި، ދައުވާކުރަން ފޮނުވަމުން އާންމުކުރި ބަޔާނުގައި އޭސީސީން ބުނެފައި ވެއެވެ.
އެ މައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލާމާތު އެއްކުރެވާކަމަށާއި، އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައި ވާކަމަށް އޭސީސީން ބުނެފައި ވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މަޢުލޫމާތު ހިމެނޭކަމަށާއި އަދި މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައި އެވެ.
14 އެޕްރީލް 2020 ގައި އޭސީސީގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.
އޭސީސީން އެ މައްސަލާގައި ހެލްތު މިނިސްޓަރު އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ، ޖެހިގެން އައިދުވަހު އޭސީސީގެ މެންބަރުން މަޖިލިސް ކޮމެޓީއަށް ހާޒިރުކުރަން ނިންމާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!