މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން ހިންގާ އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޚާއްޞަ ޕުރޮގުރާމު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މި ޕުރޮގުރާމަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ ޕުރޮގުރާމެކެވެ.

Ad
rt

މި ޕުރޮގުރާމު އިފުތިތާޙުކޮށްދެއްވާފައި ވަނީ، މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިޞަލް ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބަޔެއްކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބަޔެއްކަމަށެވެ.

އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމަޢުގެ ފަރުދުންނަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެ ބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެންވާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އިމާމުންނާއި މުދިމުން ކިބައިން އެދިވަޑައިގެން ފައިއެވެ. އަދި މިއަދު ފެށުނު ޕުރޮގުރާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އިމާމުންނާއި މުދިމުން ކިބައިން އެމަނިކުފާނު އެދިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވެސް ވާހަކަފުޅު ދައްކަވާފައި އެވެ. މިގޮތުން ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަފާތު ޕުރޮގުރާމުތައް ހިންގަމުންދާކަމުގައި ވިދާޅުވެ، އެ މަނިކުފާނު ވަނީ ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި، ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށް ވިދާޅުވެފައި އެވެ.

މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް، ބޭނުންތެރި، މަސައްކަތްތެރި، އުފެއްދުންތެރި، ޤައުމަށް ފައިދާހުރި، އަދި ވަކިން ޚާއްޞަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ނައިބު ރައީސް ފައިޞަލް ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އިމާމުންނާއި މުދިމުންނަށް ޚާއްޞަކޮށްގެން ހިލޭ ކުރިއަށްގެންދާ މި ޕުރޮގުރާމުގައި ޖުމްލަ 384 ފަރާތުން ބައިވެރިވެއެވެ. މިއަދު ބޭއްވި ރައްމިސްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.