ދިވެހިރާއްޖޭގެ އެއްވެސް ބާރެއް އެހެން ބަޔެއްގެ އަތްމަށްޗަށް ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށް ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ރަޝީދު މިހެން ވިދާޅުވީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، އުތީމަށް އުފަން ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ބިމަށް ނޭވާލާ ކޮންމެ ދަރިއަކު ވެސް ބޮޑުތަކުރުފާނަށް ޝުކުރުވެރި ވުމަކީ ޤައުމީ ވާޖިބެއް ކަމަށެވެ.
''މިއަދު އެ ޤައުމީ ބަޠަލު އަޅުގަނޑުމެން ތެރޭ ނެތް ކަމުގައި ވީނަމަވެސް ބޮޑުތަކުރުފާނު އެދެއްކެވި ނަމޫނާއިން އަޅުގަނޑުމެން އިބުރަތް ހާސިލްކޮށް އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އަށަގަންނަން ޖެހޭ،
އަމިއްލަ އެދުން އެއްފަރާތްކޮށް އެކުވެރިކަން އާލާކުރަން ޖެހޭ، ޤައުމު އަޅުގަނޑުމެންނަށް ކޮށްދޭނީ ކޮންކަމެއްތޯ ބެލުމުގެ ބަދަލުގައި، ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަންޖެހޭ، ޤައުމަށް ޚިދުމަތްކުރުމުގައި ދިވެހި ކޮންމެ ދަރިއަކީ ވެސް ތެދުވެރި އިޚްލާސްތެރިއަކަށް ވާންޖެހޭ''
ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މިއީ އަޅުގަނޑުމެންގެ ލޮބުވެތި ޤައުމު ކަމަށާއި، މި ޤައުމަށް އަޅުގަނޑުމެން ހެޔޮ ނޭދެންޏާ ހެޔޮއެދޭނެ އެހެން ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް ކުރިމަތިވި ކޮންމެ އުދުވާނީ ހަމަލާއެއްގައި ދިވެހިންގެ މަދު ބަޔެއްގެ އަތެއްވާކަމަށް ވިދާޅުވެ ރަޝީދު ވިދާޅުވީ މި ޤައުމުގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި އަދި ސިޔާދަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުން ދާ ކަމަށެވެ.
''ދެރައީ ހިތާމައަކީ އަމިއްލަ އެދުމުން ފޯވެގެންތިބި ދިވެހިން ބޭރުމީހުންނާއި ބައިއަތު ހިފާކަން، އެއްވެސް މިނިވަން މުސްތަގީލު ގައުމެއްގައި ބޭރުބަޔަކު އަތްގަދަކޮށްފިނަމަ އެބައެއްގެ މިނިވަންކަން ގެއްލުމަކީ ނުވެ ނުދާނެ ކަމެއް، އަދި ކޮންމެ ފަރާތަކުން އެކަން ކުރަން ފުރުޞަތު ދިން ނަމަވެސް ފަހިކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން''
ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ދިވެހިންގެ ކަންކަން ހައްލު ކުރެވޭނެ ޤާބިލު ހަރުހަދާ ދަރިން ދިވެހިންތެރޭގައި އެބަތިބި ކަމަށެވެ.
'' އަސްވިއްކިއަސް ލަގަން ވިއްކާނުލާށޭ ބުނާފަދައިން އަޅުގަނޑުމެންގެ ބާރު އެހެން ބަޔެއްގެ އަތްމައްޗަށް ދޫކޮށްލައިފި ނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެކަމީ ޝައްކެއް އޮތް ކަމެއްނޫން''
ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، އެ ސަބަބުތަކަށްޓަކައި މިފަދަ ކަންކަމުން އެއްކިބާވެ، ޤައުމަށް ދިމާވާ ގޮންޖެހުންތަކުން ތެދުވެރި ނިޔަތެއްގައި ހިތްމަތާއި އެކު އަތުކުރި އޮޅާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަކީ އަމާން ސުލްހަވެރި ތަހުޒީބީ މުޖުތަމަޢުއަކަށް ހެދޭނީ އޭރުން ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.
ރަޝީދުގެ ވާހަކާގައި ވަނީ ކުޅުދުއްފުށީ ޝަހީދު ޙުސައިން އާދަމްގެ ޒިކުރާވެސް އައުކުރަށްވައި، ވާހަކަ ދައްކަވާފައި އެވެ.
''މިމޭރުމުން އަޅުގަނޑު ވާހަކަ ދައްކަމުންދާއިރު ހިތަށް ސިފަވަމުން ދަބީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ގައުމަށް ދިމާވި އުދުވާނީ ހަމަލައިން ޤައުމު ސަލާމަތްކޮށް ދިނުމަށްޓަކައި، ހދ. ކުޅުދުއްފުށްޓަށް އުފަން ކުޅުދުއްފުށީގެ ފަޚުރުވެރި ދަރިއެއްކަމަށްވާ ޒުވާން މަރްޙޫމް ހުސައިން އާދަމް ދީނާއި ދިވެހި ޤައުމުގެ ޙައްޤުގައި ވެވަޑައިގެން ވެވަޑައިގަތް މަތިވެރި ގުރުބާނީ، ދިވެހި އުއްމަތަށް ދެއްކެވި މަތިވެރި ނަމޫނާ، މިއަދުވެސް އަޅުގަނޑުމެންގެ ލޯތަކާއި ހިތްތަކަށް އެ މަންޒަރު ފެންނަ ކަހަލަ، ހަށިކޮޅުގެ ލޭފޮދު ދިވެހި ޤައުމަށް ވަގުފުކުރެއްވީ ކޮންފަދަ މަތިވެރި ނިއުމަތެއްގައިތޯ''
ރަޝީދު ވިދާޅުވިއެވެ.
ޤައުމީ ދުވަސް އެބޭފުޅަކަށް ނިސްބަތްވާ ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވާ ހއ.އުތީމުގައި އިއްޔެ ވަނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން އެހެން ބަޔެއް ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިއެވެ. އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވަނީ އޮންލައިންކޮށް ޤައުމާއި މުޚާތަބު ކުރަށްވައި، ވާހަކަ ދައްކަވާފައި އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވެސް ވަނީ ވާހަކަ ދައްކަވާފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!