ޤައުމީ ދުވަސް ފާހަގަކުރުން ހުއްޓާލިތަ؟

ފޮޓޯ: މޯލްޑިވްސް އިންޑިޕެންޓެންޓް
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޓެންޓް

ރާއްޖޭގައި މިހާރު ފާހަގަ ކުރެވެމުން އަންނަ ދުވަސްތަކުގެ ތެރެއިން އެންމެ ދޮށީ ދުވަހަކީ ޤައުމީ ދުވަހެވެ. އެހެން ނަމަވެސް ރަބީއުލް އައްވަލުމަހުގެ 1ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރަން އަކުރުން ކަލަންޑަރުގައި ފާހަގަކޮށްފައި އޮތުން ފިޔަވާ އިތުރު ކަމެއް މީގެ ކުރިން ފާހަގަ ކުރުމަށް ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ޤައުމީ ދުވަހަކީ ކޮން ދުވަހެއްތޯ ޒުވާނަކު ގާތުގައި އަހަފިނަމަ ޖަވާބު ދިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެނަމަވެސް ޕޯޗުގީޒުންގެ އަތްދަށުގައި ދިވެހިން 15 ނުވަތަ 17 އަހަރު ތިބިކަން އެނގޭ ނުވަތަ އެވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ. 

ކުރީގެ ސަރުކާރުން މުހިއްމު ދުވަސްތަކުގެ ތެރެއިން އެންމެ އަޅާ ނުލާ އޮތް ދުވަހަކީ ޤައުމީ ދުވަހެވެ. އެކަމުގެ ހެއްކަކަށް ފުދޭކަމަކީ ޤައުމީ ދުވަހެއް ފާހަގަ ކުރަމުން އައިސް އެދުވަސް ފާހަގަ ނުކޮށް ހުއްޓާލަން ނިންމި ނިންމުމެވެ. 

ހިޖުރައިން 548 (މީލާދީން 1153) ގައި ރާއްޖެ އިސްލާމްވެ، އިސްލާމް ދިވެހި ޤައުމިއްޔަތަށް މި އަހަރު ހިޖުރީ ގޮތުން 894 (މީލާދީ ގޮތުން 867) އަހަރު މިވަނީ ވެފަ އެވެ. މިނިވަންކަމުގެ ތާރީޚުގައި ދުނިޔޭގެ ގިނަ ޤައުމުތަކަށްވުރެ، ރާއްޖެއަކީ މާ ފަޚުރުވެރި ތާރީޚެއް އޮތް ޤައުމެކެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ފާހަގަކުރާ ފަދައިން، ރާއްޖޭގައި ވެސް ޤައުމީ ދުވަހެއް ފާހަގަކުރުމުގެ ކަންކަން ފެށްޓެވީ، އަލްއަމީރު މުޙައްމަދު އަމީން ދިވެހި ޤައުމު ޢަމަލީ ގޮތުން ހިންގެވި ދުވަސްވަރުގަ އެވެ. އެ ގޮތުން ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރާނީ ކޮން ދުވަހެއްތޯ ދައުލަތުގެ ފަރާތުން ދިރާސާ ކުރެއްވުމަށްފަހު ނިންމެވީ، ދިވެހި ތާރީޚުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ތާރީޚީ ހާދިސާ ކަމުގައިވާ ޕޯޗުގީޒުންގެ އަޅުވެތި އަނިޔާވެރި އިސްތިޢުމާރުން، ބޮޑުތަކުރުފާނާއި އެ ތަކުރުފާނުގެ އަރިހުގައި ޖިހާދުކުރެއްވި ޤައުމީ ބަޠަލުން ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ފަޚުރުވެރި ދުވަސް ކަމުގައިވާ 1 ރަބީއުލްއައްވަލް 981 (2 ޖުލައި 1573)، މި ދުވަހަށް ނިސްބަތްކުރައްވައިގެން ޤައުމީ ދުވަސް ފާހަގަކުރެއްވުމަށެވެ. މި ތާރީޚީ ހާދިސާއަށް މި ޤައުމީ ދުވަހު، 461 އަހަރު ފުރި، 462 ވަނަ އަހަރަށް ފެށޭނެ އެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކުރަން ފެށުނީ 1 ރަބީޢުލްއައްވަލް 1365 (4 ފެބްރުއަރީ 1946) ގައެވެ.

ތިރީގައި މި ހިއްސާ ކޮށްލަނީ "ދިވެހި ރާއްޖޭގެ ފުރަތަމަ ޤަޥްމީ ދުވަސް" މި ސުރުހީގެ ދަށުން ފަތްތޫރަ: 1981 ގައިވާ ލިއުމެކެވެ.

ދުވަހުގެ ޕްރޮގްރާމްގައި އެކުލެވިގެންވާ ކަންތަކަކީ:

ޤައުމީ ދުވަހުގެ އުފާފާޅުކުރުމުގެ ޖަލްސާ އެއް މިލުނުރޭ ނާދިއްތަމައްދުން ގައި އޮތެވެ. ދިވެހި ޤައުމީސަލާމް ދުނިޔެއަށް އުފަންވީ އެރޭގެޖަލްސާގައެވެ. އޭރުކުރިޔަށް ތިއްބެވި ވަރަށް ގިނަބޭފުޅުން އެޖަލްސާގައި ވާހަކަދެއްކެވިއެވެ. ޖަލްސާގެ ފެށުމެއްގެ ގޮތުން އިސްވެ ސަލަވާތް ވިދާޅުވި އައްޝައިޚުލް މަރްހޫމް ހުސެން ޞަލާޙުއްދީނެވެ. ޞަލަވާތަށްފަހު ޣާޒީ ރަދުންގެ ޒިޔާރަތް ދޮށުގައިފާތިހާ ވިދާޅުވުން އޮތެވެ.

އެދުވަހުގެ ހެދުނު 6:30 ވީއިރު، ހުކުރު މިސްކިތު ހަރުގޭގައި ޝުކުރުގެޞަލަވާތް އެއްކިޔެވުން އޮތެވެ. މިކަމުގައި، ވަލީ ކޮމިޓީން ފެށީގެން ދަވްލަތުގެ ކުރިއަށް ތިއްބެވީ އެންމެބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ޤައުމީ ދުވަހުގެ މެންދުރުން އަބުރާ އެކަކުން ފެށިގެންކުޅިވަރުގެ ޕްރޮގްރާމްތަކެއް ހެންވޭރު ބޯޅަބިމުގައި ހިގަމުން ދިޔައެވެ. މިޕްރޮގްރާމްގައި އޮތީ މަދަރުސާ ކުދިންގެ ކުޅިވަރެވެ. ސްޕޯޓްސް މީޓެވެ. އެއަށްފަހު ސަރުކާރުގެ އޮފީސް ތަކުންނެގިފައިވާ ބައިތަކެއްގެ ވާދެމުން އޮތެވެ. އެއަށްފަކު އޮތީ ސިފައިންގެ ”ކަސްރަތެވެ" ދުވަހުގެ ޕްރޮގްރާމް ނިމުނީ މޮޅުވި ފަރާތްފަރާތަށް އިނާމު ދެއްވުމުންނެވެ.

"ޤައުމީ މިނިވަން ދުވަސް" ފާހަގަ ކުރަން ފެށުން

1 ރަބީޢުލްއައްވަލްގައި ޤައުމީ ދުވަސް ފާހަގަކުރެވެމުން އައިސް، އެ ކަން 1950 ގެ އަހަރުތަކުގައި ވަނީ ހުއްޓިފަ އެވެ.

އޭގެ ފަހުން، 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމަށްފަހު، މިނިވަންދުވަހުގެ ގޮތުގައި ޖުލައި 26 ފާހަގަކުރެވެމުން ދިޔަ އެވެ. ވީމާ އެއިރު ވަކި ދުވަހެއްގެ ގޮތުގައި ޤައުމީ ދުވަހެއް ކަނޑައެޅިފައެއް ނޯވެ އެވެ. އަދި 29 މާރޗް 1976 ގައި އައްޑޫ އަތޮޅު ގަމުން އިނގިރޭސީން ފައިބައި، އެ ދުވަހު ދިވެހި ދައުލަތަށް ގަން ޙަވާލުކުރި ތާރީޚީ ހާދިސާއަށް ނިސްބަތްކޮށް ޤައުމީ ދުވަސް ފާހަގަކުރެވިފައިވެ އެވެ. މި ގޮތުން 29 މާރޗް 1978، ފާހަގަކުރެވިފައިވަނީ ޤައުމީ މިނިވަން ދުވަހުގެ ގޮތުގަ އެވެ.

ފާސްކުރެވުނު ޤާނޫނެއްގެ ދަށުން، ޤައުމީ ދުވަސް ފާހަގަ ކުރަން ފެށުން

އޭގެ ފަހުން، 1979 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނެއްގެ ދަށުން، ޤައުމީ ދުވަހަކީ 1 ރަބީޢުލްއައްވަލް ކަމުގައި ކަނޑައެޅި، އަނެއްކާވެސް 1 ރަބީޢުލްއައްވަލްގައި ޤައުމީ ދުވަސް ހިޖުރީ ގޮތުން 1400 (މީލާދީ ގޮތުން 1980) އަހަރުން ފެށިގެން ފާހަގަކުރަން ފެށުނެވެ. އަދި 1 ޖެނުއަރީ 1998 އިން ފެށިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި މި ވަނީ ޤައުމީ ދުވަހަކީ 1 ރަބީޢުލްއައްވަލްކަން ބަޔާންކުރެވިފަ އެވެ. މިއީ ޤާނޫނު އަސާސީގައި ޤައުމީ ގޮތުން އެ ދުވަހެއްގެ ވާހަކަ ބަޔާންކުރެވިފައިވާ ހަމައެކަނި ދުވަސްވެސްމެ އެވެ.

7 އޮގަސްޓް 2008 އިން ފެށިގެން މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނު އަސާސީގައި ވެސް ޤައުމީ ދުވަހަކީ 1 ރަބީޢުލްއައްވަލް ކަމުގައި ބަޔާންކުރެވިފައިވެ އެވެ.

ޤައުމީ ދުވަސް ފާހަގަކުރާތާ މިއީ 50 ވަނަ އަހަރު ކަމަށް ބެލިދާނެ!

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީގެ ނައިބަކަށް ހުންނެވި މުހައްމަދު ޝާތިރަކީ މަޝްހޫރޫ ލިޔުއްވުންތެރިއެކެވެ. ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެކެވެ. ކުރީގެ މަޝްހޫރު ނޫސްވެރިއެކެވެ. އެންމެފަހުން އޭނާ ހުންނެވީ ޤައުމީ އަރުޝީފުގެ ޑިރެކްޓަރޖެނެރަލް ކަމުގެ މަޤާމުގައެވެ. ޤައުމީ ދުވަހާއި ގުޅިގެން ޝާތިރު ހިއްސާ ކުރެއްވި މަޢުލޫމާތު ކޮޅެއްވެސް ތިރީގައި ހިއްސާކޮށްލާނަމެވެ

  • 1 ރަބީޢުލްއައްވަލު 1365ގައި (އަމީނީ ދައުރުގައި) ޤައުމީ ދުވަސް ފާހަގަކުރަން ފެށުނުތާ މިވީ 77 އަހަރު ކަމުގައިވިޔަސް، މެދުކުނޑި 77 އަހަރު ޤައުމީ ދުވަސް، (1 ރަބީޢުލްއައްވަލުގައި) ފާހަގަކުރެވިފައެއް ނުވޭ..!!
  • 1365އިން ފެށިގެން 7 އަހަރު 1 ރަބީޢުލްއައްވަލުގައި ޤައުމީ ދުވަސް ފާހަގަކުރުމަށްފަހު (އަމީނީ ދައުރު ނިމުމުން) އެކަން ހުއްޓުނު!
  • އަލުން 1 ރަބީޢުލްއައްވަލުގައި ޤައުމީ ދުވަސް ފާހަގަކުރަން ފެށުނީ (މައުމޫނީ ދައުރުގައި) 1400ގައި. 1400ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 1 ރަބީޢުލްއައްވަލުގައި ޤައުމީ ދުވަސް ފާހަގަކުރާތާ މިއީ 43 ވަނަ އަހަރު!
ވީމާ، 1 ރަބީޢުލްއައްވަލުގައި ޤައުމީ ދުވަސް ފާހަގަކުރާތާ މިއީ 50 ވަނަ އަހަރު ކަމަށް ބެލިދާނެ..!!
މަސްދަރު:
ދިވެހި ރާއްޖޭގެ ޤައުމީ އަރުސީފުގެ "ދިވެހި ރާއްޖޭގެ ޤައުމީ ދުވަހާ ބެހޭ" 2018 ވަނަ އަހަރުގެ ލިއުން
"ދިވެހި ރާއްޖޭގެ ފުރަތަމަ ޤަޥްމީ ދުވަސް" މި ސުރުހީގެ ދަށުން ފަތްތޫރަ: 1981 ގައިވާ ލިޔުން
މުހައްމަދު ޝާތިރު ފޭސްބުކް ޕޯސްޓް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *