ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ފުރިހަމަ ކުރި 277 މީހަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި އެވެ.
އަލަށް ހުވާކުރި ގާނޫނީ ވަކީލުން ވަކީލުކަމުގެ ހުވާކުރުން އޮތީ އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
އެ ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންވެސް ބައިވެރިވެވަޑައިގެން އަލަށް ހުވާކުރެއްވި ވަކީލުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އައު ވަކީލުންނަށް ނަސޭހަތްތެރިވެވަޑައި ގަންނަމުން ވިދާޅުވީ، ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ވަކީލުންނަކީވެސް އާ ތަޖުރިބާތަކެއް ހާސިލުކޮށް، އާ ކަންތައްތަކެއް ދަސްކުރާ ބަޔަކަށް ވާން މަސައްކަތް ކުރަންވާނެ ކަމަށެވެ.
އުއްތަމަފަނޑިޔާރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ލިޔުމާއި ކިޔުމުގެ ތެރޭގައި ދުވަސްތައް ހޭދަކޮށް އިލްމު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި އެވެ. އަދި ހަމައެކަނި މާލީ މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގާނޫނީ ވަކީލުކަން ނުކުރުމަށާއި، އެ ވިސްނުމުގައި ދާއިރާއަށް ވަންނަ ނަމަ އެމީހަކާ ކުރިމަތިވާނީ ނާކާމިޔާބީ ކަމަށް ވިދާޅުވެ އެމަނިކުފާނުވަނީ އައު ވަކީލުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އެ ރަސްމިއްޔާތުގައި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުވެސް ބައިވެރިވެ ވަޑައިގެން ވަނީ ވާހަކަފުޅު ދައްކަވާފައިއެވެ. މިގޮތުން އޭނާ ވަނީ ވަކީލުން އިލްމު ހޯދައި މައުލޫމާތުގެ މުއްސަނދިކަން ހޯދުމުގެ މުހިންމުކަމާއި، ވަކީލުންގެ އަގުލާގީ މިންގަނޑެއް ބެހެއްޓުމާ މެދު ވާހަކަ ދައްކަވައިފަ އެވެ.
ރާއްޖޭގައި އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު"ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުވަހުގެ ތަމްރީނު ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، އެ ގާނޫނަށް އިސްލާހް ހުށަހެޅުއްވީ ރައްޔިިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
17 މެއި 2020 ވަނަ ދުވަހު މަޖިލީހުގައި ފުރަތަމަ ކިޔުންއިއްވި އެ އިސްލާޙް ހުށަހެޅުއްވި ސަބަބެއް ކަމަށް ނާޒިމް ވިދާޅުވީ ކޯވިޑް-19 އާއި ހެދި ރާއްޖޭގެ ފަރުދުންނާއި މުއައްސަސާތަކުގެ މަސައްކަތް ލަސްވެ، އަމިއްލަ ގިނަ މަސައްކަތްތައް މުޅިން ހުއްޓުމަަކަށް އައިސްފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ވަކީލުކަން ކިޔަވާ ނިންމާ ދަރިވަރުން ހަދަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނަށް މިހާލަތުގައި ހުރަސްއެޅިފައިވާ ކަމަށެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބިލަށް ބަދަލު ގެނެސް، އެ އިސްލާޙް މަޖިލީހުން ފާސްކުރީ 22 ޖުލައި 2020 ގައިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ބިލަށް ގެނައި ބަދަލުގައި ވަނީ ވަކީލުކަމުގެ ހުއްދަ ނުލިބި ތިބި ފަރާތްތަކަށް އަމާޒުކޮށް އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން ހިންގައި، އެ ޕްރޮގްރާމުން ފާސްވާ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެ ފަރާތްތަކަށް ހުއްދަ ދިނަސް، ބާ އިމްތިހާނެއް ބާއްވާއިރު، އެ އިމްތިހާނުގައި ބައިވެރިވާން އެ ފަރާތްތަކަށް ލާޒިމްވާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން ތަމްރީން ޕްރޮގްރާމާ ބެހޭ އުސޫލުތައް ބާ ކައުންސިލުން އެކުލަވާލައި، ހަތް ދުވަސް ތެރޭގައި އެ ޕްރޮގްރާމް ފަށަން ވެސް އެ ބިލު ލާޒިމް ކުރެ އެވެ. އެ ބިލް މަޖިލީހުން ފާސްކުރީ 71 މެމްބަރުންގެ ވޯޓުންނެވެ.
މި އިސްލާޙާއި ގުޅިގެން ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި 323 ބައިވެރިންގެ ތެރެއިން ތަމްރީން ފުރިހަމަ ކުރި 277 މީހުން މިފަހަރު ހުވާކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!