ކޮވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދަޢުވާކުރުމަށް އެދި ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެންނަނީ އާންމު އުޞޫލުތަކާ ޚިލާފަށް ވަކި ބައެއްގެ އަތުން ކަމަށާއި މިގޮތުން ތަކެތި ނުލިބެނީސް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށާއި، އަދި ވެންޓިލޭޓަރތައް ގެންނަން ޑުބާއީގެ ކުންފުންޏަކަށް ވެސް އެޑްވާންސްކޮށް ފައިސާ ދައްކާފައިވާކަމަށް ބުނާ މައްސަލާގައި ދަޢުވާކުރުމަށްޓަކައި 14 އޮކްޓޫބަރު 2020ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Ad
rt

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، 11 ފަރާތެއްގެ މައްޗަށްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެ އެވެ. 14 އެޕްރީލް 2020 ގައި އޭސީސީގެ އަމިއްލަ އިސްނެގުމަށް ތަޙުޤީޤު ފެށި މި މައްސަލައިގެ ތަޙްޤީޤު ނިމިފައިވަނީ 13 އޮކްޓޫބަރު 2020 ގައެވެ.

މި މައްސަލައަކީ، އެ ކޮމިޝަނުން ޚާއްޞަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، މި މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި ކޮމިޝަންގެ ތެރެއިން 04 އިންވެސްޓިގޭޓަރުން ހިމެނޭ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލައިގެން، ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވާއިރު، 22 އޮގަސްޓް 2020ން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ 03 އިންވެސްޓިގޭޓަރުން މި މައްސަލަ ތަޙްޤީޤުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

މި މައްސަލައަކީ މި ކޮމިޝަނުން މިހާތަނަށް ތަޙުޤީޤުކުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށްބަލާއިރު ނިސްބަތުން އެންމެބޮޑު އެއް މައްސަލަ ކަމަށްވީނަމަވެސް، އެންމެ އަވަހަށް ތަޙްޤީޤުކޮށް ނިންމާފައިވާ މައްސަލަކަން ފާހަގަކުރަމެވެ. މިމައްސަލަ ތަޙްޤީޤުކުރުމުގައި ތަޙްޤީޤު ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯދުމަށްޓަކައި ދަޢުލަތު އިދާރާތައް ހިމެނޭހެން، ތަފާތު 08 އިދާރާއަކުން މަޢުލާމާތު އެއްކުރެވިފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން، ޖުމްލަ 1600 ޑޮކިއުމެންޓަކާއި، 500 އީމެއިލް ބެކަޕް ތަޙްޤީޤު ޓީމުން ދިރާސާކޮށް އެނެލައިޒްކޮށްފައިވެއެވެ. މީގެތެރޭގައި، މި މައްސަލައާ ގުޅުންހުރި އެކި ފަރާތްތަކުގެ ގިނަ ޢަދަދެއްގެ ބޭންކް އެކައުންޓްތަކާގުޅޭ މަޢުލޫމާތު ހިމެނެއެވެ. މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ޖުމްލަ 36 ބަޔާނެއް ނަގާފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން މާލެ ފުރަބަންދު ޙާލަތުގައި އޮތް ދުވަސްވަރުގައި ކަމަށްވާތީއާއި، އަދި އޭގެފަހުން އައު ޢާންމު ޙާލަތުގައި ތަޙްޤީޤުގެ މަސައްކަތް ކުރިއަށް ގެންދަންޖެހުމަކީ، މިމައްސަލަ ތަޙުޤީޤުގައި މި ކޮމިޝަނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާ ގަރީނާ ހޯދުމުގައި ދަޢުލަތުގެ ބައެއް އިދާރާތަކުގެ ލިޔެކިޔުންތައް ބަލަންޖެހުމާއި، ތަޙުޤީޤަށް ޙާޟިރު ކުރުމަށް ބޭނުންވާ ފަރާތްތައް ތަޙްޤީޤަށް ޙާޟިރުކޮށް ބަޔާންނެގުމުގައި މި ކޮމިޝަނަށް ވަރަށްބޮޑު ދަތިތަކާ ކުރިމަތިލާންޖެހުނުކަމަށް އޭސީސީއިން ބުނެއެވެ.