އެވިޑް ކޮލެޖްގެ 2021 ވަނައަހަރުގެ ޖެނުއަރީ ސެމެސްޓަރގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.
އެ ކޮލެޖްގެ ފަރާތުން 13 އޮކްޓޯބަރ 2020 ވީ އަންގާރަ ދުވަހު ފޭސްބުކް ލައިވް މެދުވެރިކޮށް ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާ އަންނަ އަހަރުގެ ޖެނުއަރީ މަހު ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިދެއްވީ އެ ކޮލެޖްގެ ޗެއަރަމަން އަލްފާޟިލް އަބްދުﷲ މުސްތާޤް ރަޝާދުއެވެ.
ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު، އެ ކޯސްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ޓީޗިންގ ސެކަންޑްރީ، ޓީޗިންގ ޕްރައިމަރީ، އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިންގ، ސައިކޮލޮޖީއާއި ކައުންސެލިންގ އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަންއެވެ.

މީގެ ގިނަ ދާއިރާތަކުން ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަރސް ޑިގްރީ ލެވެލް އަދި މާސްޓަރސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި ހިންގަމުންގެންދެއެވެ.

ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަންނަ އަހަރުގެ ޖެނުއަރީމަހުގެ ސެމެސްޓަރއަށް ވެސް އެވިޑް ކޮލެޖުން ސްކޮލަރޝިޕްގެ ފުރުޞަތުތައް ވަނީ ހުޅުވާލައްވާފައެވެ. އެވިޑްކޮލެޖްގެ ޗެއަރަމަންގެ ލޮބުވެތި ބައްޕާފުޅުގެ ނަންފުޅަށް ޚާއްޞަ ކުރައްވައިގެން " ނައިބްރަޝާދު ސްކޮލަރޝިޕް " ފުރުޞަތުގެ ގޮތުގައި މިފަހަރު ވެސް 30 ފުރުޞަތު ހުޅުވާލެއްވި ކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވިއެވެ.
އެއީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ޚާއްޞަ ކުރައްވައިގެން މާސްޓަރސް ފެންވަރުގެ 2 ފުރުޞަތު، ޑިޕްލޮމާ ފެންވަރުގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 15 ފުރުޞަތާއި އަދި މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށް ޚާއްޞަކޮށްގެން މާސްޓަރސް ލެވެލްގެ 2 ފުރުޞަތު، ޑިޕްލޮމާ ލެވެލްގެ 3 ފުރުޞަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 5 ފުރުޞަތެވެ.

މިހާރުވެސް އެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާޞިލް ކުރަމުން އަންނަ އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!