ރާއްޖޭގައި ހެދޭ ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ހެއްދުމުގެ ޕްރޮގުރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ފައްޓަވައިފިއެވެ.

"ދަނޑުވެރިކަމުގެ ސިނާޢަތުގައި، ކާބޯތަކެތީގެ ޔަޤީންކަމާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް، ކުރެވޭ މަސައްކަތްތަށް ބޮޑު އިންސައްތައަކުން އިތުރުކުރުން" މި ސިޔާސަތުގެ މައްޗަށް ރިޢާޔަތްކޮށް މިނިސްޓްރީއިން ވަނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ. މި ގޮތުން، ސިއްހަތަށް ފައިދާ ހުރި ގިނަ ކާނާގެ ބާވަތްތަށް އުފެއްދުމުގެ ބޭނުމުގައި ވަނީ ގަސް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަށް ގަސްހަދިޔާ ކުރުމަށް ނިންމަވާފައެވެ.

Ad
rt

މި ގޮތުން ތިލަދުންމަތީގެ ރަށްތައް ކަމަށްވާ، އުލިގަން، ވަށަފަރު އަދި މޮޅަދޫގެ ގޭގޭގައި ހުރި ހުސްބިންތަކުގައި ގަސް އިންދުމަށް މިނިސްޓްރީގެ ފަރާތުން ގަސް ހަދިޔާ ކުރުމަށް ވަނީ ނިންމަވާފައެވެ. މީގެ ގިނަ ޢަދަދެއްގެ ގަސް އުފައްދަވާފައިވަނީ، މިނިސްޓްރީއިން އުތުރުގެ ދަނޑުވެރިކަން ދިރާސާ ކުރެއްވުމަށް، ޤާއިމުކުރައްވާފައިވާ ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައެވެ. މިނިސްޓްރީއިން މި ރަށްތަކަށް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާ ގަސްތަކުގެ ތެރޭގައި، ބަނބުކެޔޮ، މުރަނގަ، ޖަންބުރޯލު، ދޮންކެޔޮ، އަލަ، ކަހަލަ ރާއްޖޭގައި ފަސޭހައިން ހެދޭ ބާވަތްތަށް ހިމެނެއެވެ.

މި ޕްރޮގުރާމުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީއިން ވިދާޅުވެފައިވަނީ، މިފަދަ ކާނާގެ ބާވަތްތަށް އާލާ ކުރުމަށާއި، ކާނާގެ ދަތިކަމުގެ ހާލަތެއް ދިމާވެއްޖެނަމަ ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކާނާ ފަސޭހަ ކަމާއިއެކު ރަށްރަށުން ލިބޭނެ ގޮތް ފަހިކޮށްދެއްވުމެވެ.

މި3 ރަށުގައި މިނިސްޓްރީގެ ފަރާތުން ގަސްއިންދުމުގެ ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މި އަހަރުގެ ދަނޑުވެރިންގެ ދުވަހުއެވެ. އެއީ، އޮކްޓޯބަރ މަހުގެ15 ވަނަ ދުވަހުއެވެ.