ހއ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމް، އުދަރެސް/ހއ. ހޯރަފުށި، ކައުންސިލް މެންބަރުކަމުން ދުރުކޮށް، ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން ވަކޮށްދިނުމަށް ގޮވާލައި، މޮޅަދޫ ރައްޔިތުންގެ ޕެޓިޝަނެއް އެރަށު ކައުންސިލަށް ހުށަހަޅައިފިއެވެ.
މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޕެޓިޝަންގައި މޮޅަދޫގެ 160 މީހުން ވަނީ ސޮއި ކޮށްފައެވެ.
އެ ޕެޓިޝަން ކައުންސިލަށް ހުށަހެޅުމަށް ގިނަ ޢަދެއްގެ ރައްޔުތުން މިއަދު ވަނީ ކައުންސިލް އިދާރާ ދޮށަށް އެއްވެފައެވެ. އެ ޕެޓިޝަން ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުގެ އިތުރުން އެ ރައްޔިތުން މިއަދު ވަނީ މޮޅަދޫ ކައުންސިލް ނައިބު ރައީސް އަޙްމަދު އާދަމް ދިރިއުޅުއްވާ ގޭ ދޮށަށް އެއްވެ، އެ ރައްޔިތުންގެ ޝުޢޫރު ފާޅުކޮށްފައި އެވެ.
އެ ޕެޓިޝަންގައި ސޮއިކުރި މޮޅަދޫގެ ބައެއް ރައްޔިތުން ''ތިލަދުން''އަށް ބުނީ އެ ރަށްޔިތުން އެގޮތަށް ކަންތައް ކުރަން ޖެހުނީ އެ ރަށްޔިތުންގެ ކެތްތެރިކަން ކޮޅުންލުމުން ކަމަށެވެ.
''މިއީ ނުލާހިކު އަމާން ރަށެއް، އެކުވެރި ރައްޔިތަކު ދިރިއުޅޭ ރަށެއް، މި ރަށުގައި މިފަދަ ޒިންމާދާރު މަގާމެއްގައި ވެސް ހުރި މީހަކު ރަށް ހަލާކުވާފަދަ އެތައް ކަމެއް ކުރަމުންދާއިރު ބަލަހައްޓައިގެން ތިބޭނީ ކިހިނެއް''
އޭގެ ތެރެއިން އެކަކު ބުންޏެވެ.
މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމް ކައުންސިލް މެންބަރުކަމުން ވަކިކޮށް، އޭނާ އަދާކުރަމުންދާ މަގާމުން ދުރުކޮށްދޭން އެދި އެ ރައްޔިތުން ހުށަހެޅި ޕެޓިޝަންގައި އޭނާ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދާކަމަށާއި، މަސްތުވާތަކެތި ބޭނުންކޮށް، ރަށަށް އެތެރެކުރާ ކަމަށް ބުނެފައިވާނެ ކަމަށް މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރި އެރަށު މީހުން ބުންޏެވެ.
މީގެއިތުރުން ވައްކަން ކުރުމާއި، މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުންފަދަ ކަންކަންވެސް އޭނާގެ ކިބައިން ފެންނަމުންދާ ކަމަށް އެ މީހުން ބުންޏެވެ.
ޕެޓިޝަން ހުށަހަޅަން ދިޔަ މޮޅަދޫގެ ބައެއް ރައްޔިތުން، ފޮޓޯ: ކިޔުންތެރިއެއް
މި ތުހުމަތުތަކާއި ގުޅިގެން އަޙްމަދު އާދަމް ''ތިލަދުން''އަށް ވިދާޅުވީ މިހާތަނަށް ވައްކަމެއް ކޮށްގެން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށާއި، ދަތިވާ ވަގުތު ދަރަންޏަށް ފައިސާއެއް ހޯދަން މީހެއް ކައިރީ ބުނުމަކީ ވައްކަމެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވަނީ ސާބިތު ނުހިފޭ ތޯތޯ ތުހުމަތުތަކެއް ކަމަށް ވެސް އަޙްމަދު އާދަމް ވިދާޅުވިއެވެ.
''އަޅުގަނޑު ނުބުނަން އަޅުގަނޑަކީ އެންމެ ފުރިހަމަ މީހާއެކޭ، ނަމަވެސް ތިގޮތަށް ޕެޓިޝަންގައި އޮތް ކަމަށް ވަންޏާ އެއީ ސާބިތު ނުހިފޭ ތޯތޯ ވާހަކަތަކެއް، އަޅުގަނޑުވެސް އަޑުއެހިން ޕެޓިޝަނެއްގެ ވާހަކަ، އެކަމަކު ހުށަހެޅިކަން މިއެނގުނީ''
އަޙްމަދު އާދަމް ވިދާޅުވިއެވެ.
އަޙްމަދު އާދަމް ވިދާޅުވީ އޭނާއަކީ ހޯރަފުށީ މީހެއްކަމުން ރައްޓެހިން މަސްވެރިކަމުގައި އުޅެފައި އެރަށަށް އޭނާ ކައިރިއަށް އަންނަ ކަމަށެވެ. އަދި އިހަވަންދޫން ވެސް ރަށްޓެހިން އަންނަ ކަމަށެވެ. އެމީހުން އަންނަނީ ބޭނުންވާ ބައެއް ތަކެތި ގަންނަން ކަމަށާއި، އެމީހުން އަންނަނީ މަސްތުވާ ތަކެތި ހިފައިގެންނޭ ބުނެވޭނީ ކިނަކުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
''އަޅުގަނޑަކީ ނިކަމެތި މީހާ، އެހެން ރަށެއްގެ މީހެއް، ޢާޢިލީ ކަމަކާއި ގުޅިގެން އުފެދުނު ނަފުރަތެއްތީ، މި ރަށުގައި މަސްތުވާ ތަކެތި ބޭނުން ކުރާ އެހެން މީހުން ކޮބައިތޯ، އެމީހުންގެ ވާހަކަވެސް ދައްކަން ވީ ނޫންތޯ''
އަޙްމަދު އާދަމް އިތުރަށް ވިދާޅުވިއެވެ.
ތުހުމަތުތަކަށް އަޙްމަދު އާދަމް ދެކޮޅު ހައްދަވާފައިވާއިރު، އާބާދީގައި 245 މީހުން ހިމެނޭ މޮޅަދޫގެ އާބާދީގެ ތިންބައިކުޅަ ދެބައި ވަނީ އޭނާއާއި ދެކޮޅަށް މިއަދު ހުށަހެޅި ޕެޓިޝަންގައި ސޮއި ކޮށްފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!