ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ނ.ކެނދިކުޅުދޫގައި އޭޓީއެމްއެއް ޤާއިމްކޮށް ޚިދުމަތް ދޭންފަށައިފިއެވެ.
މިކަމާއި ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެ ރަށުގައި ޤާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ އޭ.ޓީ.އެމްގެ ސަބަބުން ކެނދިކުޅުދޫގެ ރައްޔިތުންނަށާއި، އެ ރަށުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ. އަދި ކެނދިކުޅުދޫގެ ކައުންސިލުންވަނީ މިކަމާއި ގުޅިގެން ކައުންސިލާއި، ރަށުގެ ރައްޔިތުންގެ ނަމުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސާއަށް ވަރަށް އިޙްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާފައެވެ.
10 އޮކްޓޯބަރ 2020 ވީ ހޮނިހިރު ދުވަހު ކެނދިކުޅުދޫގެ އޭޓީއެމް ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފެށުމާއި ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ކުރެއްވި ފޭސްބުކް ޕޯސްޓްގައި ވިދާޅުވެފައިވަނީ މާތްﷲގެ އިރާދަފުޅާއިއެކު އަޅުގަނޑުމެންވީ ވަޢުދުތަށް ރަނުން ރަނަށް ފުއްދާނެކަމަށެވެ. އަދި ކެނދިކުޅުދޫގައި ބެހެއްޓައި، ޚިދުމަތް ދޭން ފެށިފައިވާ އޭޓީއެމްގެ މަންފާއާއި ލުއިފަސޭހަކަން، ދާއިރާގެ ހުރިހާ ރަށްތަކަށް ވެސް ކުރާނެކަމަށެވެ.
ސަރުކާރުގެ ވަޢުދެއް ކަމުގައިވާ، ކެނދިކުޅުދޫގައި '' އޭ.ޓީ.އެމް '' ގެ ޚިދުމަތް ތަޢާރަފްކޮށް ޚިދުމަތް ފެށުން، މިކަމުގެ...
Posted by Secretariat of Kendhikulhudhoo Council - south miladhunmadulu - Maldives on Saturday, October 10, 2020
މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. މި އޭޓީއެމްއަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއިއެކު ބޭންކިންގ ހިދުމަތް ލިބިގެންދާނޭ އޭޓީއެމްއެކެވެ.

ބީއެމްއެލްއިން ކެނދިކުޅުދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމަށް ނިންމައި އެކަން ހާމަކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

ކެނދިކުޅުދޫގައި އޭޓީއެމްއެއް ޤާއިމްކޮށް އެ ޚިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!