ތިލަދުންމަތީ ހުނަރުވެރިން: އުމުރުން ހަގު ކުޅަދާނަ ފޮޓޯގްރާފަރ، އަލީ ނުވާޝް

52A3824C-8CA0-4A15-981F-680FEE90A878

ފޮޓޯ ނެގުމުގެ ދާއިރާއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވަރަށް ގިނަބަޔަކު ލޯބިކުރާ ދާއިރާއެކެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ހުނަރެއް ނޫނެވެ. ފޮޓޯއެއް ނަގާލުމަށްފަހު އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްލުމުން އަދި އެމީހާއަކީ ފޮޓޯގްރާފަރަކަށް ނުވާނެއެވެ.

ފޮޓޯގްރާފަރެއްނަމަ ފޮޓޯނެގުމުގެ ހުނަރުގެ އިތުރުން އެކަމަށް ބޭނުންވާ އާލާތްތައް ހުންނަންޖެހެއެވެ. ކެމެރާއާއި ކެމެރާ ސްޓޭންޑް ފަދަ ތަކެތި ހުރުމަކީ މުހިންމު ކަމެކެވެ. ލައިޓިންގ ގެންގުޅެންވާނޭ ގޮތް ދަންނަންޖެހެއެވެ. ފޮޓޯ ސާފުކޮށް އެޑިޓް ކުރުމުގެ ހުނަރު ދަސްކުރަން ޖެހެއެވެ. ހާއްސަ އިސްކަމެއް ދީގެން މިކަންކަމުގައި ވަގުތު ހޭދަކުރަންޖެހެއެވެ.

ދިވެހިރާއްޖެއަށް ބަލައިލާނަމަ ދިވެހިރާއްޖެއަކީ ވެސް ވަރަށް ހުނަރުވެރި ފޮޓޯގްރާފަރުން ތިބި ޤައުމެއްކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސޯޝަލް މިޑިއާގައި ދިވެހިރާއްޖޭގެ ހުނަރުވެރި ފޮޓޯގްރާފަރުންގެ ޕޭޖްތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތައް ފަރާތްތަކެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕޭޖްތަކެކެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ ދިވެހިރާއްޖެއިން މަދުން ނަމަވެސް އުމުރުން ވަރަށް ހަގުކުދިން ވެސް މި ދާއިރާގައި ހަރަކާތްތެރިވަމުން އަންނަކަމެވެ.

https://www.facebook.com/107314950638060/posts/252563362779884/?extid=0&d=n

އެގޮތުން މި ރިޕޯރޓުގައި އަޅުގަނޑު މި ހިއްސާކޮށްލަނީ، ދިވެހިރާއްޖޭގައި ވިދަމުން އަންނަ އުމުރުން ހަގު ފޮޓޯގްރާފަރުންގެ ތެރެއިން ފޮޓޯގްރާފަރެއްގެ ވާހަކައެވެ. ބޮޑުތިލަދުންމަތީގެ ރަށެއް ކަމުގައިވާ ހއ.ކެލާއަށް އުފަން އުމުރުން އެންމެ 18 އަހަރުގެ އަލީ ނުވާޝްއަކީ ފޮޓޯނެގުމުގެ ދާއިރާގައި  ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ މޮޅު، ހުނަރުން ފުރިގެންވާ އުމުރުން ވަރަށް ހަގު ފޮޓޯގްރާފަރެކެވެ. 3 ސެޕްޓެމްބަރ 2002 ވީ ހޯމަދުވަހު އުފަންވި އަލީ ނުވާޝްއަކީ މިވަގުތު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގުރޭޑް 12 ގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރެކެވެ. ފޮޓޯނެގުމަށް ލޯބިކުރާ އަދި އުނގެނުމަށް ވެސް ވަރަށް ޝައުގުވެރިކަން ހުންނަ ނުވާޝްއަކީ ޓީޗަރުންގެ ލޯބި އިންތިހާއަށް ލިބެމުންދާ އަޙުލާޤު ރަނގަޅު ދަރިވަރެކެވެ.

https://www.facebook.com/107314950638060/posts/247079123328308/?extid=0&d=n

އަލީ ނުވާޝްއަކީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ވުމާއެކު، ފޮޓޯނެގުމުގެ ކަންކަން އޭނާ ކުރަނީ ވަކި ހަމަތަކެއްގެ މަތިންނެވެ. ވަކި ވަގުތުތަކެއްގައެވެ. އެގޮތުން އެންމެ އިސްކަމެއް އަބަދުވެސް ދެމުން އަންނަނީ ކިޔެވުމުގެ ކަންތައްތަކަށް ކަމަށާއި، ކިޔެވުމަށް ވަގުތުނުދީ ފޮޓޯގްރަފީގެ އެއްވެސް ކަމެއްގައި ވަގުތު ހޭދަނުކުރާ ކަމުގައި ނުވާޝް ބުނެއެވެ.

" ފުރަތަމަ އިސްކަންދެނީ ސްކޫލްގެ ކަންކަމަށް. އާންމުކޮށް ޝޫޓްސްތައް އޮންނަނީ ހަވީރު ނޫނީ ރޭގަނޑު. ދެން ހެނދުނު ސްކޫލަށް ގޮއްސަ މެންދުރު ނިމޭތީވެ ހަވީރާ ރޭގަނޑާ ހުސްކޮށް ލިބޭ ޝޫޓްސްތަކަށް. ދެން ޝޫޓް އެއް އޮތިއްޔާ އޭގެ އެއްދުވަސް ކުރިން ބެޓެރިއާ އެއްޗެހި ޗާރޖް ކޮށް ރެޑީކޮށްފަ ބަހަށްޓަނީ. ދެން ޝޫޓް ނިންމާފަ ގެއަށް އައިއްސަ އަނެއްކާވެސް ކިޔެވުމުގެ ކަންކަމާގެން އުޅެލާފަ ޝޫޓްސްތަކުގެ ފޮޓޯތައް އެޑިޓް ކުރުމުގެ ކަންކަމުގަ އުޅެނީ"

ނުވާޝް ބުނެފައިވެއެވެ.

https://www.facebook.com/107314950638060/posts/134012604634961/?extid=0&d=n

ނުވާޝް މި ދާއިރާއަށް ޝައުގުވެރިކަން އުފެދިފައިވަނީ އޭނާގެ އުމުރުން ވަރަށް ހަގުއިރެވެ. ކުޑައިރު މާލެ އައިސް އާއިލާއާއި އެކު ޕާރކަށް ގޮސް އުޅޭއިރު އެތަނުގައި ފޮޓޯ ނަގާ މީހުން ކެމެރާ ހިފައިގެން ހަރަކާތްތެރިވަމުން އަންނަ މަންޒަރު ފެންނަން ފެށި ހިސާބަކީ މިކަމަށް ނުވާޝް ހިތުގައި ލޯބިއުފެދުނު ހިސާބެވެ. އުފެދުނު ޝަޢުޤާއިއެކު ހޮބީއެއްގެ ގޮތުގައި ފަށައިގަތް މި މަސައްކަތް ފުޅާވެ، މިހާރު ނުވާޝް އަންނަނީ ރާއްޖޭގެ ނަން މަޝްހޫރު ފޮޓޯގްރާފަރުންނާއި އެކުވެސް މި މަސައްކަތް ކުރަމުންނެވެ.

https://www.facebook.com/107314950638060/posts/107514293951459/?extid=0&d=n

މި މަސައްކަތުގައި ތިން އަހަރު ނުވާޝް ހޭދަކޮށްފައިވާއިރު، އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ނުވާޝް ފާހަގަ ކޮށްފައިވަނީ ރަށުގައި އަދި ރަށުން ބޭރުގައި(މާލޭގައި) ހިނގާ ބައެއް ބޮޑެތި އިވެންޓްތައް ކަވަރ ކުރުމުގެ ފުރުސަތު ލިބިގެންދާދިއުމެވެ. ރާއްޖޭގެ އެންމެ މަތީފަންތީގައި މަސައްކަތް ކުރަމުން އަންނަ ފޮޓޯގްރާފަރުންނާއިއެކު މަސައްކަތްކޮށް މިކަން އިތުރަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބުމެވެ. މީގެއިތުރުން އެ މީސްމީހުންގެ ފަރާތުން އޭނާއަށް ލިބެމުން އަންނަ ޕޮސިޓިވް ކޮމެންޓްސްތަކަކީ، މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށް ލިބިގެންދާ ހިތްވަރެއްގެ ގޮތުގައި ނުވާޝް ފާހަގަ ކޮށްފައިވެއެވެ.

https://www.facebook.com/107314950638060/posts/107370490632506/?extid=0&d=n

މި ދާއިރާއިން ކުރިއަށް ދިއުމުގައި ނުވާޝްއަށް އެންމެ ބޮޑު އެއްބާލެއްވުމެއް ލިބެނީ ނުވާޝްގެ އާއިލާ މެންބަރުންގެ ފަރާތުންނެވެ. މީގެ އިތުން ރާއްޖޭގެ ފޮޓޯގްރާފީގެ ދާއިރާގައި ފުންނާބު އުސް ފަރާތްތަކުގެ ފަރާތުން ލިބެމުންއަންނަ އެހީތެރިކަން ނުވާޝް ފާހަގަ ކުރެއެވެ. މީގެ ތެރެއިން ވެސް ފޮޓޯގްރާފަރ ޝަމްވީލް އަދި ފޮޓޯގްރާފަރ ޝުއައިބްގެ ނަން ހާއްސަކޮށްލިއެވެ. ނުވާޝްގެ ކޮންމެ ކަމެއްގައި ވެސް ސަޕޯރޓް ދިނުމުގައި އަބަދުވެސް އެކަކު ވާކަމަށް އޭނާގެ ވާހަކަތަކުގައި ފާހަގަ ކޮށްފައިވެއެވެ.

ނުވާޝްގެ މި މަސައްކަތަށް ބޭނުންވާ އެންމެހާ އާލަތްތަށް ހޯދަނީ އޭނާ އަމިއްލައަށް ރުފިޔާ ސޭވް ކޮށްގެންނެވެ. މީގެއިތުރުން ބައެއް ރަށްޓެހިން ވެސް ނުވާޝްއަށް މިކަމަށް ބޭނުންވާ ބައެއްތަކެތި ހަދިޔާ ކުރާކަމަށް އޭނާ ފާހަގަ ކޮށްފައިވެއެވެ.

މި މަސައްކަތުގައި ނުވާޝްވަނީ އެތައް ޝޫޓްތަކެއް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ. އެގޮތުން އިންޑޯރ އަދި އައުޓްޑޯރ ވެޑިންގް ޝޫޓްސްތަކާއި މެޓާރނިޓީ ޝޫޓްސްތަކާއި، ނިއު ބޯރން ޝޫޓްސްތަކާއި ފެމިލީ އައުޓްޑޯރ ޝޫޓްސްތަކާއި، ބާތްޑޭ ޝޫޓްސްތައް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ބައެއް މީޓިންގްތަކާއި ބައެއް ހަފްލާތަކުގައި ވެސް ނުވާޝް އަންނަނީ ނުވާޝްގެ ކެމެރާއާއިއެކު ހަރަކާތްތެރި ވަމުންނެވެ.

އޭނާގެ އުފަން ރަށް ކަމަށްވާ ހއ.ކެލާގައި ހިނގާ އެތައް ކަންކަމެއްގައި އޭނާ ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން ޢީދުގައި ބޭއްވޭ އިވެންޓްތައް ވަކިން ހާއްސަކޮށް ފާހަގަ ކޮށްލަން ޖެހެއެވެ. ނުވާޝްއަށް ވަނީ ދާދި ފަހުގެ ތާރީހެއްގައި ދިވެހި ރާއްޖޭގައި ބޭއްވުނު "ޒީރޯ ޕްލާސްޓިކް ރަން" ކަވަރު ކުރުމުގެ ފުރުސަތު ވެސް ލިބިގެން ގޮސްފައެވެ. މިހާރު އޭނާ ދަނީ އެމް.އެން.ޔޫ (މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ) ގެ ފަރާތުން ހިންގާ އެކިއެކި އިވެންޓްތަކުގައި ފޮޓޯނެގުމުގެ މަސައްކަތް ކުރަމުންނެވެ.

https://www.instagram.com/p/CBIsp6gp9xJ/?igshid=xyysx2pts6qj

ފޮޓޯ ނެގުމުގައި ނުވާޝްގެ ހުނަރު އޭނާގެ ފޭސްބުކް ޕޭޖް (Nuwaash Photos) އިންނާއި އިންސްޓަގްރަމް ޕޭޖް (nuwaashphots) އިން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.

މި ދާއިރާއިން ކުރިއަށް ދިއުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭމަށް ނުވާޝް ފާހަގަ ކޮށްފައިވެއެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ބައެއް ފަރާތްތަކުން ގިނަ ފޮޓޯގްރާފަރުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިނުގަންނަ ކަމެވެ. އެފަދަ މީހުންނަށް ހީވެފައިވަނީ ފޮޓޯގްރާފަރުންގެ މަސައްކަތަކީ ހަމައެކަނި ފޮޓޯއެއް ނަގާލުން އެކަނިކަމަށެވެ.

" ފޮޓޯ ނެގުމުގެ ދާއިރާގައި އުޅޭ މީހުންނަށް އިނގޭނީ މިކަމަކީ ކިހާ ބުރަ އަދި ކިހާ ވަގުތެއް ހޭދަކުރަންޖެހޭ މަސައަކަތެއްކަން. މިކަމުގަ ނޫޅޭ މީހުންނަށް އެކަން އިހުސާސް ނުކުރެވިދާނެ"

މި ދާއިރާގައި ދިވެހިރާއްޖޭގައި މާ ބޮޑެތި ފުރުޞަތުތަކެއް ނެތުން އެއީ މިކަމުގައި ކުރިއަށް ދިޔުމަށް ގިނަ ފޮޓޯގްރާފަރުންނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ނުވާޝް ފާހަގަ ކޮށްފައިވެއެވެ.

https://www.instagram.com/p/B1EzGzWgBns/?igshid=1c45ybs7l21c3

މި ދާއިރާއިން ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފިޔަޖަހާލަން ލިބޭ ދުވަހަކީ، މި ދާއިރާއިން ނުވާޝް އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

ފޮޓޯނެގުމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވެފައި ހުރި ކުދިންނަށް ނުވާޝް ވަނީ ވަރަށް އަގުހުރި މެސެޖެއް ދީފައެވެ.

" ކޮންމެ ކަމެއް ކުރިޔަސް ގިވްއަޕް ނުކުރަށްޗޭ. ހިއްވަރާއެކު އެމީހެއް ހާސިލް ކުރަން ބޭނުންވާ ޓާރގެޓަށް ދެވޭތޯ މަސައްކަތް ކުރައްޗޭ. ދެން ނެގެޓިވް ކޮމެންޓްސް އަޔަސް އެކަމާ އެހާ ބޮޑަށް އަޅާނުލާ ކޮންމެ ކަމެއްވެސް ޕޮސިޓިވްކޮށް ނަގައިގެން މަސައްކަތް ކުރާށޭ ބުނާނީ."

ނުވާޝް ނަސޭހަތްތެރިވިއެވެ.

https://www.instagram.com/p/BwCE9VyHG7c/?igshid=1qmdxckex3yyv

ފޮޓޯނެގުމުގެ އިތުރުން ނުވާޝްއަކީ ބޮޑުބެރު ޖެހުމަށް ލޯބިކުރާ ބެރަށް ފަރިތަ އަދި އެހާމެ ކުޅަދާނަ ބެރުޖެހުންތެރިއެކެވެ. މީގެއިތުރުން އޭނާއަކީ ކުޅިވަރަށް ލޯބިކުރާ ހާއްސަކޮސް ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ ފަރާތެކެވެ. މާތް ﷲ ނުވާޝްގެ މަސައްކަތުގައި ބަރަކާތް ލައްވާ، ފޮޓޯނެގުމުގެ ދާއިރާއިން ރާއްޖެގެ އެންމެ މަތީފެންވަރުގައި ވިދާލާނޭ ދަރިއަކު ކަމުގައި ނުވާޝް ލަށްވާށި. އާމީން.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް އުފާވެ ދަރިވަރަކު އަދި ރަށު ކުއްޖަކު ތިފަދަ މަސައްކަތެއްގައި ކުރިއަށްދާތި! ދެވެން އޮތް އެންމެ މަތީމަޤާމަކަށް ދާތި، އަދި އެހެންދާއިރާއެއްވެސް ހިޔާލު ކުރާތި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *