ފުޓްބޯޅަ އެސޯޝިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އަންނަ ޑިސެމްބަރު މަހު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ފުޓްބޯޅަ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ފަރިތަކުރުންތައް ފަށައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު އެ ކުލަބުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށެވެ.

Ad
rt

ހޮނިހިރު ދުވަހު ހަވީރު އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށް ގެންދިޔަ މި ފަރިތަކުރުން ތަކުގައި އެ ކުލަބުން ކުރިއަށް ގެންގޮސްފައިވަނީ ކުޅުންތެރިންގެ ފިޓްނަސް ޓެސްޓުތަކެކެވެ. އެ ކުލަބުން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އެ ޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިރުޝާދުގެ ދަށުންނެވެ

08 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ގެ އިތުރުން އެ އިދާރާގެ އޮފިޝަލުންނާއި، ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ އިތުރުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އާއި ފުލުހުން އެކުގައި ބޭއްވި ބައްދަލުވުމުގައި ވަނީ ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިން ފައިނަލް ކޮށްފައެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ކޯވިޑް-19 އާއި ގުޅިގެން އައު ސީޒަންގެ ކުޅުން ފަށާނެ ތާރީޚެއް އަދި ފައިނަލް ކުރެވިފައިނުވާއިރު، މިހާތަނަށް އައު ސީޒަނަށް ފަރިތަކުރުންތައް ފަށާފައިވާ ހަމައެކަނި ޓީމަކީ މާޒިޔާއެވެ.