ށ. ފޯކައިދޫއިން އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާއި ސީދާ ބައްދަލުވި 11 މީހެއްގެ ސާމްޕަލް ނަގައިފިއެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ 08 އޮކްޓޯބަރ 2020 ގައި އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ 11 މީހެއްގެ ސާމްޕަލް ނެގިފައި ވާކަމަށެވެ.

Ad
rt

މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ނުވަތަ މާދަމާ ހެނދުނަށް ލިބޭވަރުވާނެ ކަމަށް ވެސް ފޯކައިދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

ފޯކައިދޫން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވީ، މިމަހުގެ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސްމީހާ ފޯކައިދޫއަށް ވެސް ދަތުރުކޮށްފައިވާތީ އެ ކޭހާއި ގުޅިގެން ނެގުނު 6 މީހެއްގެ ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ކޭހާއި ގުޅިގެން ދިއްދޫން ވެސް ވަނީ އޮކްޓޯބަރު 7 ވަނަ ދިވަހު 3 ފުލުހަކު ޕޮޒިޓިވް ވެފައިއެވެ. އަދި މިކޭހާއި ގުޅިގެން ހދ. ކުރިނބީން ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައި އެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން އިއްޔެ ހެނދުނާއި ހަމައަށް އުތުރުގެ ހއ. ހދ. އަދި ށ. އަތޮޅުން 137 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 7 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު އިއްޔެ ވަނީ ވިދާޅުވެފައެވެ.