ށ. ފޯކައިދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. ފޯކައިދޫން ޕޮޒިޓިވްވެފައި ވަނީ ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ.
ފޯކައިދޫން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވީ، މިމަހުގެ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސްމީހާ ފޯކައިދޫއަށް ވެސް ދަތުރުކޮށްފައިވާތީ އެ ކޭހާއި ގުޅިގެން ނެގުނު 6 މީހެއްގެ ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ.
ފޯކައިދޫ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އަރީފް ''ތިލަދުން''އަށް ވިދާޅުވީ އެރަށުގައި މަސައްކަތް ކުރަށްފާ ފުލުސް އޮފިސަރަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރަށްކާތެރިކަމަށް ކުރަން ޖެހޭ ކަންކަންވެސް މިހާރު ކުރަށްވަމުން އަންނަ ކަމަށެވެ.
'' ވަރަށް ޅަ އުމުރުގެ ކުއްޖެއް ޕޮޒިޓިވްވީ، ﷲގެ އިރާދަ ފުޅުން އޭނާގެ ހާލު ރަނގަޅު، އެއްވެސް އަލާމާތެއްވެސް އޭނާގެ ކިބަޔަކުން ނުފެނޭ، މިހާރު ކައުންސިލުން ވަނީ ރައްޔިތުން ހޭލުންތެރި ކުރުމަށް ފޯރުކޮށްދޭން ޖެހޭ މެސެޖުތައް ވެސް ފޯރުކޮށްދީ، މީހުން ވަދެ ނުކުތުން މަނާ ކުރަންޖެހޭ ގެތަކަށް މީހުން ވަދެ އުޅުން ނުކުތުން މަނާކުރެވި، އެ ގޭތަކުގެ މީހުން ކަރަންޓީނު ކުރެވިފައި'' އަރީފް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެސިޓީއިން ނެގި 33 ސާމްޕަލްގެ ތެރެއިން އިތުރު 2 ފުލުހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ކޭހާއި ގުޅިގެން ދިއްދޫން ވެސް ވަނީ އިއްޔެ 3 ފުލުހަކު ޕޮޒިޓިވް ވެފައިއެވެ. އަދި މިކޭހާއި ގުޅިގެން ހދ. ކުރިނބީން ވެސް ވަނީ މީހަކު ޕޮޒިޓިވް ވެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!