ނުޙައްޤު މުއްސަނދިކަން ހުއްޓުވޭނީ އެ އަމަލުކުރާ މީހުންގެ މައްސަލަ ފެންމަތިވާ ހިސާބުން ވަގުތުން ވަގުތަށް އެ ކަންކަން ކުރާމީހުން ތިބި މަޤާމުތަކުން އެކަހެރިކުރެވި، ލަސްނުކޮށް އަދަބުދެވިގެން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

ޝިފާއު މިހެން ވިދާޅުވީ އިއްޔެ އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އެ ބިލުގެ މުހިންމުކަން ފާހަގަކުރަށްވައި، ބިލަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ އެބިލުގައި ނުޙައްޤުން މުއްސަނދިކަން ހޯދާ މީހުން އެ ހޯދާ މުއްސަނދިކަން އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެކަމަށް އަދަބުދިނުމަށް އެބިލުގައި ވަނީ ހިމެނިފައި ކަމަށެވެ.

''މިބިލުގައި ހުށަހަޅާފައި އޮތްއިރު އަޅުގަނޑަށް ވެސް ފާހަގަކުރެވެނީ، ވަރަށް ބޮޑަށް ދައުލަތުގެ މުވައްޒަފުންނަށް ނިސްބަތްވެފައި އޮތް މަންޒަރު. އެހެންނަމަވެސް، އަޅުގަނޑު ވެސް ފާހަގަކޮށްލަން ބޭނުންވާ ކަމަކީ، ޙަޤީޤަތަކީ މިފަދަ ނުޙައްޤު މުއްސަނދިކަން ހޯދާ ފަރާތްތަކަކީ، ހަމައެކަނި ދައުލަތުގެ މުވައްޒަފުން ވެސް ނޫންކަން. މިއީ ދައުލަތުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި، އަދި އޭގެއިތުރުން ވެސް އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި ވެސް ނޫނީ އެ އަދާކުރާ ވަޒީފާއެއްގައި ތިބެ، ކޮންމެ ވަޒީފާއެއްގައި ތިބި ކަމުގައި ވިޔަސް، ކޮންމެ އޮފީހެއްގައި ތިބި ކަމުގައި ވިޔަސް، ނުޙައްޤުން ހޯދާ މުއްސަނދިކަން އަޅުގަނޑުމެން އެބަޖެހޭ
ޙަޤީޤަތުގައި ރަނގަޅަށް ބެލި، އެ ކަންކަމަށް އަދަބުދެވެން.''

ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އެގޮތަށް ނުކުރެވޭ ނަމަ މި ޤައުމުގައި ކޮރަޕްޝަނުގެ ކަންކަން ހުއްޓިގެން ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އަދި ނުޙައްޤުން ހޯދާ މުއްސަނދިކަމުގެ މުދާ ގިނަ ފަހަރަށް ހުންނަނީ އެ މުއްސަނދިކަން ހޯދާ މީހާގެ ބެލުމުގެ ދަށުގައި ނުވަތަ އެމީހާގެ ނަމުގައި ނޫން ކަމަށް ޝިފާޢު ވިދާޅުވިއެވެ.

''އެ މުދާ އެނބުރިގެންދާ ގޮތް ރަނގަޅަށް ދެނެގަނެވޭނެ ނިޒާމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގާނޫނަށް މި ބިލު ގާނޫނަކަށް ވެގެން އަންނައިރުގައި އަޅުގަނޑުމެންނަށް ހޯދެން އެބަޖެހޭ. އިއްޒަތްތެރި ރައީސް، ނުޙައްޤުން މުއްސަނދިކަން ހޯދާ ފަރާތްތަކުން އެ ހޯދާ މުއްސަނދިކަން ފަހުން އަނބުރާ އަތުލެވޭނެ އުސޫލުތަކެއް، ގޮތްތަކެއް ކަނޑައެޅިގެން މެނުވީ، ޙަޤީޤަތުގައި މި ކަންކަން ހުއްޓުވިގެންނުދާނެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން.''

ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އެ ބިލު ފުރިހަމަވެގެން އަންނާނީ، އެ މުއްސަނދިކަމުގެ ތެރެއިން ހޯދާ މާލީ މުއްސަނދިކަމާއި، މުދާއާޚިރުގައި އަތުލެވޭނެ ގޮތެއް އެ ބިލުގައި ވަރަށް ރަނގަޅަށް ބަޔާންކޮށްގެން ކަމަށެވެ. އަދި ފެންނަނީ ނުޙައްޤު މުއްސަނދިކަން ހޯދާހޯދުމުގައި މާ މޮޅު އެގްރިމެންޓެއް ހަދާފައި އޮތުމުން އެމީހެއްގެ މުދާ ދައުލަތަށް ނުނެގިގެން އުޅޭ މަންޒަރު ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.

''އެގޮތަށް ނުޙައްޤުން މުއްސަނދިކަން ހޯދައި، ވައްކަންކޮށްގެން ހޯދާފައި ހުންނަ މުދާ ހިމާޔަތްކުރެވޭ އެއްޗަކަށް އެ
ބާރުވެރިކަމުގައި ހުރެ ހެދޭ މާމޮޅު އެގްރިމެންޓް ވެގެންނުވާނެ. އެކަންކަމަށް އަޅުގަނޑުމެން ޙައްލެއް މި ބިލުގެ ތެރެއިން ހޯދަންޖެހޭނެ ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން، ނުފޫޒު ބޭނުންކޮށްގެން ވިޔަފާރިކުރުމާއި، މި ކަންކަން ހުއްޓުވުން އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ކަމަކީ، މި ބިލުގައި ވަރަށް ބޮޑަށް މި އޮތީ ނުޙައްޤު މުއްސަނދިކަން ހޯދުމާއި، ނުފޫޒު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން ހޯދާ މުއްސަނދިކަން އެއީ ގާނޫނީ ކުށަކަށް ހަދައި، އެއަށް އެދަބު ދެވޭނެ ގޮތް.''

ޝިފާއު އިތުރަށް ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ 5 އަހަރެއްގެ ވެރިކަމުގައި ބޮޑެތި މިކަހަލަ ބައިވަރު ކަންތައްތަކެއް ހިނގައިދިޔަތަން ފެނިއްޖެ ކަމަށާއި، ކަންހިނގައި ނިމި، މުއްސަނދިވި މީހުން މުއްސަނދި ވެސް ވެއްޖެ ކަމަށެވެ. އަދި މުދާ ލިބުނު މީހުންނަށް މުދާ ވެސް ލިބިއްޖެ ކަމަށެވެ.

''އެހެންނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގައި މުހިންމު ކަމަކީ އެކަންކަން ހުއްޓުވޭނެ ގޮތެއް. އެކަންކަން ފެށިގެން އަންނައިރު އެ ކަންކަން ހުއްޓުވި ވަގުތުން އެ ކަންކަމަށް އަދަބު ލިބޭނެ ގޮތެއް އަޅުގަނޑުމެންނަށް ގާއިމުކުރެވިގެން މެނުވީ، ދައުލަތް ސަލާމަތްކުރެވޭނެ ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން.''

ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ އެ ބިލުގެ ތެރެއިން މިފަދަ ކަންކަން ފެންމަތިވީމާ ވަގުތުން ވަގުތަށް އެ ކަންކަން ކުރާ
މީހުން ތިބި މަޤާމުތަކުން އެކަހެރިކުރެވި، ލަސްނުކޮށް އަދަބުދެވި، އެ ފަރާތްތަކުން ނުޙައްޤުން ހޯދާ މުއްސަނދިކަން ހުއްޓުވޭނެ ދޮރެއް އެ ބިލުގެ ތެރެއިން ހޯދަން އެބަޖެހޭ ކަމަށެވެ.