މިދާކަށްދުވަހު ބަލިވެއުޅޭ އެކުވެރިއަކަށް ގޮވައިލަން ދިޔައީމެވެ. އަހަރެއްހާ ދުވަސްކުރިން އެންމެފަހުން އޭނާއާ ބައްދަލުވިއިރު އެއީ ޖާނުގައި ވަރުހުރި ރީތި ޒުވާނެކެވެ. ކުޅަދާނަ ތަޖުރިބާކާރު ސިވިލް އިންޖިނޭރެކެވެ. ހައިބަތު ހުރި ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ.

އެކަމަކު… މިއަދު، އަރެންނަށް ފެނުނީ ބަލިވެއުޅުމުގެ ސަބަބުން ނިކަމެތިވެ އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. މޫނުމަތީގައި ވަނީ މާޔޫސްކަމެވެ.

Ad
rt

ވާހަކަދެއްކުމުގެ ތެރޭގައި އޭނާ ބުންޏެވެ. މިހާރު އަހަރެންގެ ބަރުދަނަކީ ހަތްދިހަކިލޯއެވެ. އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުވެސް ހަތްދިހަ ކިލޯ ބަރުދަނުގައި ހުރިނަމަ، ބަލިވުމުގެ ކުރިން ކިތައް ކިލޯ ހުރިހެއްޔެވެ؟

އަހަރެން ޙައިރާންވެގެން ހުރެ ސުވާލުކުރީމެވެ. ސަތޭކަ ތިން ކިލޯއެވެ. އޭނާ ޖަވާބުދިނެވެ. އިތުރަށް ކިޔައިދެމުން އޭނާ ބުންޏެވެ. އެންމެ ފުރަތަމަ މީހާ ރީނދޫވާން ފެށީއެވެ. އެކަމަށް ފަރުވާކުރަމުން ދަނިކޮށް ކިޑްނީ ފެއިލްވީއެވެ. މިހާރު މިއުޅެނީ އެބަލީގައެވެ.

ބޯފެނުގެ ތެރެއިން ބޭރުވަނީ ދެބައިކުޅަ އެއްބައެވެ. އަނެއްބައި ބޭރުނުވުމުގެ ސަބަބުން އެތައް ވޭނެއް އުފުލަންޖެހެއެވެ. އަރާމެއް ލިބެނީ ޑަޔަލަސިސް ހަދައިގެންނެވެ. ޑަޔަލަސިސް ހަދަންޖެހެނީ ކިތައް ދުވަހުން ހެއެޔެވެ؟ އަދި ކިހާ ފައިސާއެއް ޚަރަދުކުރަން ޖެހޭ ހެއްޔެވެ؟ އަހަރެން ސުވާލުކުރީމެވެ. ކޮންމެ ހަތަރުދުވަކުން އެއްދުވަހުއެވެ. ކޮންމެ ފަހަރަކަށް ހަތަރުހާސް (ޕާކިސްތާނު) ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. އޭނާ ޖަވާބުދިނެވެ.

ކައިރީގައި ހުރި ދެ ސިލިންޑަރަކީ ކީއްކުރާ އެއްޗެއްތޯ އަހާލުމުން ބުންޏެވެ. އޮކްސިޖަން މަދުވަނީއެވެ. މަދުވާބައި ހޯދަނީ ތީގެއިންނެވެ. ކުޑަކޮށް މިހިރަ ސިލިންޑަރަށް ތިންސަތޭކަ ރުފިޔާއަށް އޮކްސިޖަޏް އަޅައިދެއެވެ. ރެއަކާ ދުވާލު ތިންފަހަރު ހުސްވެގެން އަޅަންޖެހެއެވެ. ބޮޑުކޮށް މިހުރީ ފަހުން ހޯދި ސިލިންޑަރެކެވެ. އަށްސަތޭކަ ރުފިޔާއަށް މިއެތި ފުރައިދެއެވެ. މީ ހަތަރުވަނަ ދުވަހެވެ. މިހާރު ތިވެސް ތިހުރީ ހުސްވެފައެވެ.

އޭނާއަށް ހިތްވަރުދީ ހެޔޮދުޢާ ކޮށްދިނުމަށްފަހު އެނބުރި ދިއުމަށް ތެދުވުންމުން އަނެއްކާވެސް އެއަޚާ ބުންޏެވެ. އަހަރެންނަށްޓަކައި ދުޢާ….!؟

އަހަރެން ވަގުތުން ދުޢާކުރުމަށް އަތް އުފުލައިލީމެވެ. ނަމަވެސް ކަރުނައެއް ނުހިފެހެއްޓުނެވެ. ދަންނަވަން ހަނދާންނެތުނެވެ. އެންމެ ވިސްނުމެކެވެ. ދެންކަރުނައެވެ.

’ޔާ ﷲ އެވެ. އެއަޅާ ނޭވާލުމަށްޓަކައި އެތައް ފައިސާއެއް ޚަރަދުކުރަން ޖެހެއެވެ. މިއަޅާއަށް ހިލެއެވެ. އެއަޅާ ފެންބޮއިފިނަމަ އެބޭރުކުރަން އެއަށްވުރެވެސް ގިނަ ފައިސާ ދޭންޖެއެވެ. މިއަޅާ އެއްވެސް އަގެއް ދައްކާކަށް ނުޖެހެއެވެ. އެއަޅާއަށް ތަންމަތިން ނުތެދުވެވޭތާ އެތައް މަހެއްވެއްޖެއެވެ. މިއަޅާއަށް ހެލިފެލިވެ އުޅުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. އިބަ އިލާހުގެ އޯގާވަންތަކަން މިއަޅާގެ މައްޗަށް ބޮޑުކަމާއެވެ. އެކަމަކުވެސް މިއަޅާއަށް އިބައިލާހަށް ޝުކުރުވެރިވާ އަޅެއްކަމުގައި ނުވެވެއެވެ.

މިޚިޔާލުތަކާއި ކަރުނައިގެ ”ވާރޭގެ“ ތެރޭގައި މޫނުގައި ފިރުމާލުމަށް ފަހު އަތް ތިރިކޮށްލީމެވެ. އަދި ޝުކުރުވެރިކަމުގެ ކަރުނަ ފޮހެމުން އެނބުރި ދިއުމަށް ހިނގައިގަތީމެވެ. އޭރު އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ޅެންވެރިޔާގެ މިބަސްތަކެވެ.

މިޢާލަމުގައި ޢިބުރަތް ލިބިގަތުމަށް އެތައް މިސާލުތަކެއްވެއެވެ.
ނަމަވެސް ދުނިޔޭގެ ކުލަތަކާއި ދަޅަތަކުގައި ޖެހި ތިބާ ވަނީ ”ކަނުވެފައެވެ.”
_______________________

އަޞްލު ލިޔުއްވީ: ނަޖުމް ދުރްވޭޝް
ތަރުޖަމާ: މުސާފިރު