ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ، ހުޅުމާލޭގައި ހުންނަ ފިޔަވަތިން ބައެއް ކުދިންނާއި މުވައްޒަފުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަަފީގު ވިދާޅުވީ، ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާއި އެތަނުގައި ތިބި ކުދިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިދިޔަމަހުގެ 30 ވަނަ ދުވަހު ފިޔަވަތީގައި ކުދިން ބަލަހައްޓާ މީހެއްގެ ކިބައިން ބަލީގެ އަލާމަތްތަކެއް ފެނިގެން ސާމްޕަލްނަގައި ޓެސްޓު ކުރި އިރު އެމީހާ މިމަހުގެ 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައިވާކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހާ ޕޮޒިޓިވް ވުމާއެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ ދަށުން 54 ކޮންޓެކްޓުން ދެނެގަނެވުނު ކަމަށާއި 19 ސާމްޕަލް ނަގާފައިވާކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް އަށް ކުދިންނާއި ފަސް މުވައްޒަފުންގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި އެންމެން ވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް ފިޔަވަތިން ވަނީ ޕޮސިޓިވް ކޭސްތަކެއް ފެނިފަ އެވެ. މިދިޔަ ޖުލައި މަހު، ފިޔަވަތީގެ މުވައްޒަފެއް ޕޮސިޓިވްވުމުން، 11 މުވައްޒިފުން އަދި 21 ކުއްޖަކު ކަރަންޓީނު ކުރި އެވެ. އެހެންނަމަވެސް އިތުރު ކޭސް އެއް ނުފެނެ އެވެ.
ފިޔަވަތިން ކުދިންތަކަކާއި ބައެއް މުވައްޒަފުން ކޯވިޑަށް ޕޮޒިޓިވްވި ނަމަވެސް އެތަނުގެ ހާލަތު ރަނގަޅު ކަމަށާއި، އެތަނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަތިން ކުދިންތަކަކާއި މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ޖެންޓަރ މިނިސްޓްރީން ވަނީ އެތަނުގައި ތިބި ކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއޭގެ ލަފާގެ މަތިން އަޅަމުންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!