ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ހަމަޔާއި އުސޫލު އޮންނަންޖެހޭނެ ކަމަށް ވިދާޅުވާއިރު، ކުރީގެ ރައީސް ޔާމީނުގެ މަށްޗަށް ދައުލަތަށް ދައްކަން ޙުކުމްކޮށްފައިވާ ފައިސާ ނުދައްކާ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ މިހެން ވިދާޅުވީ މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 3 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ދެއްކެވި ވާހަކައަކާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި ދެއްކެވި ވާހަކާގައި އެވެ.

Ad
rt

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ދިވެހި ސަރުކާރުގެ ޚާއްޞަ ސްޕްސިފިކް ޑީލެއްގެ ދަށުން އަދީބު ގެއަށް ބަދަލު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ''ވިހި އަހަރުދުވަހުގެ ހުކުމަކާއި، ދެ މިލިއަނެއްހާ ރުފިޔާގެ މުޅި ދައުލަތް ލޫޓުވާލި މީހަކު، އޭނާ ގެއަށް ބަދަލުވެގެން އެ ދިޔައީ، ޤާނޫނުލްޢުޤޫބާތާއި ގާނޫނުގެ އިޖުރާއަތުތައް ކަނޑައަޅަމުން އަޅުގަނޑުމެން މި ދަނީ. އިއްޒަތްތެރި ރައީސް، ތަފާތުކުރުންތައް ވަރަށް ބާރަށް ފެންނަމުން މި ދަނީ ހިތާމަކުރަނީ'' ޖާބިރު ވިދާޅުވިއެވެ.

''ޢަބްދުﷲ ޔާމީން ޖަލުގައި އެހެރީ، އަދީބު އެހެރީ ގޭގައި. ކޮންކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ އަޅުގަނޑު ގަބޫލެއް ނުކުރަން؛ ޢަދުލުއިންޞާފު ގާއިމުކުރަންޖެހޭނެ.'' ޖާބިރު އިތުރަށް ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން މިނިވަނެއް ނޫން ކަމަށާއި، އެ ކޮމިޝަންގައި މަޖިލިސް ރައީސާއި، މަޖިލީހުން ފޮނުއްވާ މެންބަރަކުވެސް އިންނަވާ ކަމަށެވެ. އަދި ޖޭއެސްސީގައި ސިޔާސީ މީހުން ތިބޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

''މިއަދު ޔާމީން ޖަލުން ވަގުތުން ވަގުތަށް ގެއަށް ބަދަލުކުރާށޭ! ވަގުތުން ވަގުތަށް. އެހެންނޫނިއްޔާ އަދީބު ޖަލަށްލަށޭ. އޭނާއަށް ހުކުންކުރީ ކިހިނެއްވެގެންތޯ؟ ކާކަށް ކިހާވަރެއް ރިޝްވަތެއް ދީގެންތޯ އޭނަ ގެއަށް ބަދަލުކޮށްގެން އުޅެނީ ބަލަން އަޅުގަނޑު ބޭނުންވޭ މި މަޖިލީހުގައި.''

ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކަ ދައްކަވަމުން ދަނިކޮށް ނިޒާމީ ނުކުތާ ނަންގަވައި މެންބަރު ރާޢީ ވިދާޅުވީ ދައްކަވަނީ ހަމަޔާއި އިންސާފުގެ ވާހަކަ ކަމަށެވެ. ޔާމީނު ގެއަށް ބަދަލު ކުރެވޭނީ ކޮން އުސޫލަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ.

''ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ވާހަކަ އެ ވިދާޅުވީ. އަދީބަށް 20 އަހަރުދުވަހުގެ ހުކުމެއް އައިސްފި. ދެން ޔާމީން ގެއަށް ބަދަލުކުރީމާ އެއް ހަމަޔަކުން ޖެހޭތޯ ދައުލަތަށް ފައިސާ ނުދައްކާ ވާހަކަ އިނގޭތޯ މި ތަނުގައި މާލީ ވަޒީރު މިއަދު ވިދާޅުވީ. ދެން ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މި ބުނަނީ ހަމަޔާއި އުސޫލު އޮންނަންޖެހޭނޭ. އެ ވާހަކަތައް ކީއްވެތޯ ދައްކައިނުލަނީ؟ އެހެންވީމާ، ހަމައެކަނި އިއްޒަތްތެރި މެންބަރު ޖާބިރަކަށް ނޫން ހަމަޔާއި އުސޫލު އިނގޭނީ އިނގޭތޯ.''

ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ، މެންބަރު ޖާބިރުގެ ވާހަކާގައި އެމްޑީޕީގެ މަޖިލިސް 65 މެންބަރުންނަށް ނިސްބަތްކޮށް ނުޙައްޤު އިލްޒާމު އަޅުވާފައި ވާކަމަށެވެ.

''އެގޮތަކަށް ވާހަކައެއް ނުދެއްކެވޭނެ އިނގޭތޯ. ހަމަ އިހުތިރާމުކުރަންޖެހޭނެ. ޖާބިރަކީ ހަމަ އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެއް. އަދި ދާއިރާއަށް އަޅާ ވެސް ނުލާ މެންބަރެއް.'' ރާޢީ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ. އެ ފައިސާ މިހާތަނަށް ރައީސް ޔާމީނުގެ ފަރާތްޕުޅުން ދައުލަތަށް ދައްކާފައިއެއް ނުވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލުމުން އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ވަކީލުގެ ހާޒިރުގައި ދައުވާތަކަށް އެއްބަސްވެ ވަޑައިިގެންފައިވާތީ އަދީބުގެ އިއުތިރާފުން އެ ދައުވާތައް ސާބިތުވާ ކަމަށް ކްރައިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެދުވަހު ވަކިވަކިން އިއްވި ހުކުމުތަކުގައި އަދީބު ޖުމުލަ 20 އަހަރަށް ޖަލަށްލުމުގެ އިތުރުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެދުވަހުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ވެސް ހުކުމްކުރި އެވެ.

ޙުކުމަށްފަހު ޖަލަށް ބަދަލު ކުރިނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން ކަމަށް ވިދާޅުވެ، އޮކްޓޯބަރު 7 ވަނަ ދުވަހު އަދީބު ވަނީ ގެއަށް ބަދަލު ކޮށްފައެވެ.