ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 7 (ހަތެއް) ފަޅުރަށެއް ބީލަމުގެ އުސޫލުން 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަދު އިޢުލާން ކޮށްފި އެވެ.
އެމިނިސްޓްރީއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި 7 ރަށް ވަރުވާއަށް ހުޅުވާލާފައިވަނީ ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޤާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.
ބީލަމުގެ އުސޫލުން ހުޅުވާލުމަށް ހަމަޖެހިފައިވާ 7 ރަށަކީ، ހއ. މަޑުލު، ށ. ކަކާއެރިޔަދޫއާއި ށ. ނެޔޮ، ނ. ތޮޅެންދޫ، ބ. މާއްޑޫ، ޅ. ޅޮއްސަލަފުށި އަދި ގއ. އޮއިނިގިއްލާ އެވެ.
- ހއ. މަޑުލު - 16.1 ހެކްޓަރު
- ށ. ކަކާއެރިޔަދޫ - 14.6 ހެކްޓަރު
- ށ. ނެޔޮ - 20.6 ހެކްޓަރު
- ނ. ތޮޅެންދޫ - 16.8 ހެކްޓަރު
- ބ. މާއްޑޫ - 26.6 ހެކްޓަރު
- ޅ. ޅޮއްސަލަފުށި - 28.4 ހެކްޓަރު
- ގއ. އޮއިނިގިއްލާ - 13.5 ހެކްޓަރު
މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުންކަމަށާއި މީގެއިތުރުން، ކޯލި (ޕޯލްޓްރީ) އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުން ކަމަށެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން 30 އިންސައްތައިގައި އެ މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އުފައްދާ ތަކެތީގެ އިތުރު ތަފްޞީލު ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ.
ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު 'ބީލަން ފޮތް' ވިއްކުމާއި 'ބިޑް' ބަލައިގަތުމަށް އެދިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ނަމްބަރު (+960)7755335 އަށް ޓެކްސްޓް މެސެޖު އަދި bids@fishagri.gov.mv އީމޭލް މެދުވެރިކޮށެވެ.
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 14 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން 05 ނޮވެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:00 އަށް އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަން (ވެލާނާގެ 2 ވަނަ ފަންގިފިލާ) އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!