ގދ. ހޯނޑެއްދޫ ކަނޑޫފާވެސް މަރުވެ، ނެތި ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ.
ހޯނޑެއްދޫގެ މަރުވަމުންދާ ކަނޑޫފަލުގެ ފޮޓޯތަކެއް އިއްޔެ މީސް މީޑިއާއަށް ދޫވެފައިވާއިރު، އެ ފޮޓޯތަކުން ފެންނަނީ އެ ކަނޑޫފާ ވަރަށް ބޮޑަށް މަރުވެފައިވާ ތަނެވެ.
އެ ފޮޓޯތައް މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައިވާ އެއް ޓުވީޓުގައި ބުނެފައިވަނީ، އެ ފޮޓޯތަކުން ފެންނަނީ ހޯނޑެއްދޫ ކުޅީގެ ސަރަޙައްދުން ކަނޑޫގަސްތައް މަރުވަމުންދާ މަންޒަރު ކަމަށެވެ. އަދި އެ ފޮޓޯ ތަކަކީ އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ''ހުވަދޫ އެއިޑް'' އިން އެ ސަރަޙައްދަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ކަމަށް އެ ޓުވީޓުގައި ބުނެފައި ވެއެވެ.
''ކަނޑޫފާތައް ހަލާކުވެ ވީރާނާ ވަނީ'' އެންވަޔަރްމެންޓް މިނިސްޓްރީއާއި، އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ޓެގްކޮށްފައިވާ އެ ޓުވީޓުގައި ބުނެފައި ވެއެވެ.
މިއީ ގދ.ހޯނޑެއްދޫ ކުޅިއޭ ސަރަހައްދާ. ވީރާނާވެގެން އެޔަނެވޭލޭ އަވަސް ހައްލެކެ ހޮވަންނަ ޖެހެއި. މި ވާހަކެޔާ އެތެއްކަލަކު ދެއްކުނެ.@MoEnvmv މިއީ ރަށުގެ އަމިއްލަ ޖަމިއްޔާ ‘ހުވަދޫ އެއިޑް’ އިން ގޮސް ބެލިބެލުމުން ފެނުނު ކަންތައް.
ކަނޑޫފާތައް ހަލާކުވެ ވީރާނާވަނީ. @DrHussainHassan pic.twitter.com/yFNc7KhfBu— Dhaanish (@Dhaanish_Nizam) October 6, 2020
ހޯނޑެއްދޫ ކަނޑޫފާ މަރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އެކަން މީޑިއާގެ ސަމާލުކަމަށް ގެންނަމުން ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ އާދަމް އިޝާމް ބުނީ މިއީ މިގޮތަށް މަރުވެ ނެތެމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ރާއްޖޭގެ 11 ވަނަ ކަނޑޫފާ ކަމަށެވެ.
މިކަނޑޫފާތައް މަރުވާ ސަބަބު ދެނެގަތުމަށް އަވަސް މަސައްކަތްތަކެއް ކުރުމަށް އެ ހަރަކާތުން ވަނީ ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވައި ލާފައެވެ.
ހޯނޑެއްދޫ ކަނޑޫފާ މަރުވަމުންދާ ކަން ހާމަކޮށް ''ހުވަދޫ އެއިޑް''އިން ވެސް ވަނީ އެ ޖަމްޢިއްޔާއިން ނަގާފައިވާ ފޮޓޯތައް އާންމުކޮށް، އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިއެވެ.
Field investigations to determine the cause of the large scale die-off of mangrove trees in mangrove area of Hoadedhoo @EPAMaldives @MoEnvmv @DrHussainHassan @MohamedNasheed @ibusolih pic.twitter.com/FEIhrJgt5o
— Huvadhoo Aid (@HuvadhooAid) October 6, 2020
މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.
މީގެ އިތުރުން ''ސޭވް މޯލްޑިވްސް'' ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް މިފަހަރު އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.
މިހާތަނަށް ހާމަވެފައިވާ މަޢުލޫމާތަށް ބަލާއިރު ސަރުކާރުން މިހާތަނަށް ކަނޑޫފާ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ ހއ. ކެލާ އަދި ހދ. ނޭކުރެންދޫ ކަނޑޫފަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!