ކޯވިޑް-19 އާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
ހެލްތު މިނިސްޓްރީ ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު މުޙައްމަދު އަސްލަމް ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ މި މުއްދަތު ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި މިވަނީ ކޯވިޑް-19 ފެތުރުން އިތުރުވަމުން ދާތީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ. މި ގޮތުން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ނޮވެމްބަރ މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާކަމަށް ބަޔާންކުރައްވާފައިވެއެވެ.
މި ގޮތަށް ނިންމެވީ ކޯވިޑުގެ ނުރައްކާތެރިކަން ކުޑަކުރުމަށާއި ޢާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީކަމަށް ވެސް ޤަރާރުގައިވެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކުރީ މާޗް މަހުގެ 12 ވަނަދުވަހުގައެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާތެރިކަން އިތުރުވަމުން އަންނާތީ އެކި ފަހަރުމަތިން ވަނީ މުއްދަތު އިތުރުކޮށްފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް އިއްޔެ ޕޮޒިޓިވްވެފައިވަނީ 35 މީހެކެވެ މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10567 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9427 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1099 އަށް އަރާފައިވާއިރު، 432 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 65 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1608 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!