ކޯވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ ޓޫރިޒަމް ސިނާޢަތު މަޑުމަޑުން ފެށެމުން އައިސް، ގިނަ ދުވަސްތަކަކަށްފަހު ހއ. އުލިގަމުގައި ޔޮޓެއް ބަނދަރުކޮށްފިއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް-19 ގެ ޙާލަތައްފަހު، ފުރަތަމަ ފަހަރަށް ހއ. އުލިގަމުގައި ޔޮޓެއް ބަނދަރު ކޮށްފައިވާކަމަށެވެ.

Ad
rt

އަދި މި މަންޒަރަކީ ރަށުގެ ރައްޔިތުންނަށާއި، އަތޮޅުގެ ރައްޔިތުންނަށް އުފާވެރި މަންޒަރެއްގެ ގޮތުގައި ސަލީމްވަނީ ސިފަކުރައްވާފައެވެ. އަދި ސަރުކާރުން އިސްނަންގަވައިގެން، އުލިގަމުގައި ޔޮޓް ތަރައްޤީކުރުމަށް ފެއްޓެވި މަސައްކަތްޕުޅަކީ، މުޅި ތިލަދުންމަތީގެ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތްޕުޅެއް ކަމުގައި ސަލީމް ވަނީ ސިފަކުރައްވާފައެވެ.

މި ޔޮޓަކީ ޗައިނާގެ ޔޮޓެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޔޮޓުގައި ދަތުރުކުރަމުންދަނީ ޗައިނާގެ ރައްޔިތުންނެވެ.

އުލިގަމު ކައުންސިލުން ވަނީ އެރަށުގެ ބަނދަރަށް އަންނަ ޔޮޓު ފަހަރުގެ ޢަދަދު އިތުރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މިއަހަރު ޖެނުއަރީމަހު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބޭއްވި އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާގައި އެކައުންސިލުން ބައިވެރިވެ، އެ ރަށަށް ޔޮޓް ފަހަރު އައުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެ މަހާސިންތާއަކީ ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި، ކަމާބެހޭ ސަރުކާރުގެ އޮފީސްތަކާއެކު ބޭއްވުނު މަހާސިންތާއެވެ.

މީގެ އިތުރުން އުލިގަމު ކައުންސިލުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ހާޒިރުވެ އެ ކަންބޮޑުވުންތައް ހިއްސާކޮށް، ހައްލު ހޯދުމަށް ވަކާލާތު ކޮށްފައެވެ.

އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެރަށަށް އަންނަ ޔޮޓް ފަހަރުން ކަސްޓަމުން ނަގަމުންއައި ފީތަށް ވަނީ ބޮޑު ތަނުން ކުޑަކޮށްފައެވެ. މި ބަދަލާއެކު މިފަދަ އުޅަނދުފަހަރުން ކަސްޓަމްސް އިން ނަގާ ފީތައް 75 އިންސައްތަ ވަނީ ދަށްކޮށްފައެވެ. ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެން ކުޑަ ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އިންވާޑް އަދި އައުޓްވާޑް ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ކޮޅަކަށް 250 ރުފިޔާ އެވެ. އޭގެ ކުރިން ނަގަނީ 1000 ރުފިޔާ އެވެ.

މީގެ އިތުރުން އޭގެ ކުރިން ޕޯޓު ހެލުތުން ނަގަމުންއައި ފީ އާދައިގެ ޔޮޓަކާއި، ފަސިންޖަރ ލައިނަކުން ނަގާ ފީއާއި އެއްވަރު ނަމަވެސް، އެ ފީވެސް ވަނީ ކުޑަކޮށްފައެވެ.

އިމާދު ވިދާޅުވީ ދެން އޮތީ ޓޫރިޒަމް ފީގެ މައްސަލަ ކަމަށާއި، އެކަމަކީ ޤާނޫނީ ހައްލު ހޯދަން ޖެހޭ ކަމަށްވީއިރު، ދާއިރާގެ މެންބަރު އެމަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައި ވާކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު، ޓޫރިޒަމް މިނިސްޓްރީއިން ވަނީ، އުލިގަމުގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސްޓް ސިޓީ ހޮޓަލެއްގެ އިތުރުން، ޔޮޓް މެރީނާއެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ވަގުތު އަދި ކަންކުރަންވީ ގޮތް އިޢުލާންކޮށްފައެވެ.