ކުޅުދުއްފުށީގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރު ވަމުންދާތީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސް ކޮށްފި އެވެ.
ކޭއާރުއެޗްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި މި އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ކޮވިޑަށް ޕްޒިޓިވް ކޭސްތައް އަންނަނީ ފެންނަމުންކަމަށާއި މިހާތަނަށް އެކި ފަހަރު މަތިން ކުޅުދުއްފުށިން ޖުމްލަ 8 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިކަމަށެވެ. މިހެންކަމުން މިފަދަ ޙާލަތެއްގައި މި ނުރައްކާތެރި ބަލިން ތިމާއާއި ތިމާގެ ޢާއިލާ އަދި މުޅި މުޖުތަމަޢު ރައްކާތެރި ކުރުމަށް ކޮންމެ ފަރުދަކަށް ވެސް ވަރަށް މުޙިއްމު ދައުރެއް އަދާ ކުރެވިދާނެކަމެއްކަމަށް ވަނީ ބުނެފައެވެ.
މިގޮތުން ތިރީގައި މި ދަންނަވާ ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެހޮސްޕިޓަލުން އެދިލައްވައެވެ.
1. ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުން ނުވަތަ ސެނިޓައިގާ އިން އަތް ސާފު ކުރުން
2. ބޭރު ތެރޭގައި އުޅޭ އިރު މާސްކު އެޅުން
3. ޒަރޫރީ ބޭނުމެއް ނެތި ބޭރުތެރެއަށް ނުނިކުތުން
4. ކޮންމެހެން ބާއްވަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް އިންތިޒާމު ނުކުރުން
5. ބޭރުތެރޭގައި އުޅޭއިރު އިޖުތިމާޢީ ގައިދުރުކަމަށް ސަމާލުކަން ދިނުން ރޯގާގެ އަލާމާތްތައް ފެންނަ ކަމުގައިވާނަމަ ޑޮކްޓަރަށް ދެއްކުން އެއްވެސް ސަބަބަކާއި ހުރެ ކޮވިޑް ސާމްޕަލް ނަގައިފިނަމަ ޓެސްޓްގެ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން
8. ކޮވިޑް ޕޮޒިޓިވް މީހަކާއި ބައްދަލު ވެފައިވާނަމަ ލަސްނުކޮށް ކުޅުދުއްފުށީ ކޮވިޑް ހޮޓްލައިން ނަންބަރު (7606688) އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުން.
9. ކޮންމެހެން ހޮސްޕިޓަލަށް ޒިޔާރަތް ކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުން އަދި ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ނަމަ މާސްކު އެޅުމާއި ގައިދުރުކަމަށް ސަމާލުކަން ދެއްވުން
10. އަދި ސިއްހީ ގޮތުން ދުޅަހެޔޮވެ ހުރުމަށްޓަކައި ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި ކަސްރަތު ކުރުން
މި ނުރައްކާތެރި ބަލިން ސަލާމަތް ވުމަށް ހުރިހާ ބޭފުޅުން ވެސް ފަރުދީ ޒިންމާ އަދާ ކުރައްވައި މި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ދެއްވުމަކީ އެހޮސްޕިތަލުގެ ވަރަށް ބޮޑު އެދުމެއްކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!