ކޮޗިން ފެރީގެ އިންތިޒާމުތަކަށާއި އެ މަންޒަރު ލައިވްކުރުމަށާއި މިދިޔަ މަހުގެ ފަހުކޮޅު އުތުރުގައި ފުލުހުން ފާރަގެމަ ބޭނުންކޮށްގެން ހިންގި ހާއްސާ އޮޕަރޭޝަނެއްގައި މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ފަރާތްތަކުން ކަރަންޓީން ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުންނާއި އަމިއްލަ ފަރުދުން އައީ ފާޅުކުރަމުންނެވެ.

ކޯވިޑް-19 އާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ ދަށުން ރަށްރަށަށް ދަތުރުކުރަމުންދާ ފަރާތްތަކުގެ އަމަލުތަށް ހުރިގޮތުން ގިނަ ފަރާތްތަކަކުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޯވިޑް19 ގެ އާލަމީ ވަބާގެ ތަކުލީފު އެންމެ ބޮޑަށް ތަހަންމަލްކުރަމުންދާ ރަށަކީ ފުރަމާލެ އެވެ. ތޮއްޖެހިފައިވާ މާލޭގައި އެގަހު ކޭލެއް މިގަހުކޭލެއް ވަކިނުވާ ދަރަޖައަށް ކޯވިޑްގެ މޫ މިވަނީ ފެތުރިފައެވެ. މާލެއާއި އަޅާ ބަލާއިރު ސިއްޙީ ގޮތުން ޚިދުމަތްތައް އެތައްގުނައަކުން ދަށް ރަށްފުށުގެ ރައްޔިތުން މިކަމުގައި ކަންބޮޑުވުން އިންތިހާއަށް ބޮޑެވެ.

Ad
rt

މާތްﷲ ގެ އިރާދަފުޅާއި އެކު ތިލަދުންމަތީގެ ރަށަކުން މިވީހާތަނަށް ކޮމިއުނިޓީ ސްޕްރެޑްއެއް ފެނިފައެއް ނުވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ރަށްރަށުން ކޯވިޑްގެ ކޭސްތައް ފެންނަމުން ދިޔަކަމުގައި ވީނަމަވެސް އައީ މެނޭޖް ކުރެވެމުން ނެވެ. ނަމަވެސް ރޭ ޕޮޒިޓިވްވި ފުލުސްމީހާއާއި އެކު މުޅި މަންޒަރު މިވަނީ ބަދަލުވެފައެވެ. ފުލުސްމީހާ ޕޮޒިޓީވްވި ގޮތާއިމެދު ނަޒަރު ހިންގާލާއިރު ގޮސްގުޅެނީ "އެޗްޕީ އޭގެ ހާއްސަ ހުއްދަ" އިން ތިލަދުންމަށްޗަށް ދަތުރުކުރި ފަރާތް ތަކާއެވެ.

މިކަމާއި މެދު ކަންބޮޑުވުން ފާޅުކުރަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ މާލެއިން އެކި ވަފުދުތަށް ހާއްސަ ހުއްދައިގެ ދަށުން އެރަށަށް އައިސްފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ތަނުގައި 4 ވަރަކަށް ޓީމް އެކި ބޭނުންތަކުގައި އެރަށުގައި ހަރަކާތްތެރިވެފައިވާކަމަށެވެ.

މީގެ ކުރިންވެސް ލަތީފް އައީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. ލަތީފް ވިދާޅުވީ މިކަމުގެ ކަންބޮޑުވުން އެދުވަހުން ފެށިގެން އެޗްޕީއޭގެ ޑިރެކްޓަރގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މާލެގައި ތިބެފަ ހާއްސަ ހުއްދައެއްގެ ދަށުން އެރަށަށް ދަތުރުކުރާ ފަރާތްތަކަށް ކައުންސިލްގެ ބަހެއްވެސް ނުވިކޭކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ މިދުވަސްވަރު އެންމެ އިސްކަމެއް ދޭންޖެހޭނީ ރަށްރަށުގައި މިބަލި ފެތުރުނަ ނުދީ މިކަން މެނޭޖް ކުރެވޭނެ ގޮތަކަށް، ކަންކަން އިންތިޒާމްކުރުންކަމުގަ އެވެ.

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް އުތުރުގެ ރަށްރަށުގައި ފާރަގެމަ ބޭނުންކޮށްގެން ކުރިއަށް ގެންދާކަމަށް މީގެ 4 ދުވަސް ކުރިން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން ވަނީ ބުނެފައެވެ. މިދަތުރުގައި ހއ. ބާރަށަށް ދަތުރުކުރުމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއްވައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުގެ ތެރޭގައި ހއ ހޯރަފުއްޓާއި އެއަތޮޅު ބާރަށް އަދި ދިއްދޫ އާއި ށ ފުނަދޫ، އަދި ހދ ކުރިނބީ ހދ. ކުޅުދުއްފުށީގައިވަނީ އޮޕަރޭޝަން ތަކެއް ހިންގާފައެވެ. މިޓީމުގައި ބައިވެރިވެފައިވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ދިޔަ ބަޔެކެވެ.

ގިނަ ރަށްތަކެއްގެ ރައްޔިތުން ކުޅުދުއްފުއްޓަށް ބަރޯސާ ވެފައިވާ ވަގުތެއްގައި މާލެއިން ބޭފުޅުން އެޗްޕީއޭގެ މިންގަންޑުތަކާ ހިލާފަށް ވަޑައިގެން ބާއްވާ ހަރަކާތްތައް ބޭއްވުން ބަލައެއް ނުގަނެވޭ.. އަދި އެކަން ކުށްވެރި ކުރަން.. މި ހިތާމަވެރި ވަގުތުގައި އެންމެހާ ރައްޔިތުން ކެއްތެރި ވުމަށާއި ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސް ކުރަން..

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވެފައިވެއެވެ.

މިކަމާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ހދ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވީ މިއީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ނުވެ ރަށްރަށަށް ޓީމްތައް ދަތުރުކުރުމުން ދިމާވާ މައްސަލައެއް ކަމަށެވެ.

މި ކަންކަން ބަލައެއް ނުގަނެވޭ. މިކަންކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވަން ޖެހޭ. މީ އެއަށް ވުރެ ސީރިއަސް މައްސަލައެއް. ކޮންމެ އިހުމާލަކީ ދެވޭ އަނިޔާ އެއް.

ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާހް ވިދާޅުވެފައިވެއެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް، ވެކްސިނެއް ހޯދިފައި ނުވާ ކޯވިޑް-19 މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ރަށްރަށުގެ މީހުންނަށް ހިތްފަސޭހަކަންމަތީ އަދިވެސް މި ތިބެވުނީ އެމީހުންގެ ހުރި ހެޔޮ ސިފަތަކަކާއި އުސޫލުތަކެއްގެ ސަބަބުންނެވެ. ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލޭގައި ތިބި ރަށްރަށުގެ މީހުން، ފުރިހަމައަށް ތަބާވީ އެޗްޕީއޭގެ ގައިޑްލައިންތަކަށެވެ. ދަތުރުވަރެއްގައި މާލެއަށް ގޮސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރަށަށް އަންނަން ޖެހުނު މީހުން އައީ ފުރަބަންދު ހޯމް ކަރަންޓީނުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒުކޮށްގެންނެވެ. ކެތްތެރިކަމުގެ ލާމަސީލު މިސާލެއް އެމީހުން ދެއްކި އެވެ.

ހިތާމައަކީ، ސަރުކާރުގެ ވުޒާރާތަކުން އެކުލަވާލާފައިވާ އުސޫލުތަކުގައި ރައްޔިތުން ވަމުންދާ ގުރުބާނީ ފޫއަޅުވާލެވޭވަރުގެ ބާގަނޑުގަނޑު އުފެދިފައި ހުރުމެވެ.

ކޮމިޔުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ގޮސް އެރަށުގައި ދެވޭ އާންމު ހިދުމަތްތަކާއި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް، ކަރަންޓީނުވުމަކާ ނުލާ އެފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަސް ދުވަހަށްވުރެ ގިނަ ނޫން މުއްދަތަކަށް ރިސޯޓްތައް ފިޔަވާ މަސައްކަތްކުރުމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ދަތުރުކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައި ބުނެފައިވެއެވެ.

އަދި އެފަދަ ފަރާތްތަކުން ރަށްރަށަށް ދަތުރުކުރުމުގައި އެޗްޕީއޭގެ ހުއްދަ ހުއްދަ ނަގައި އެކަން ދަތުރުކުރާ ރަށެއްގެ ކައުންސިލަށް އަންގަން ޖެހޭނެ ކަމަށެވެ. އަދިވެސް އެ އުސޫލުގައި ބުނެފައިވަނީ އެފަދަ ރަށަކުން ދަތުރުކުރުމުގައި އާއި މަސައްކަތުގައި އުޅޭއިރު މާސްކް އަޅަން ޖެހޭނެ ކަމަށާއި މަސައްކަތް ކުރާ ތަން ނުވަތަ ހުރުމަށް ހަމަޖެހިފައިވާ ތަން ފިޔަވާ އިތުރު އެހެން ތަންތަނަށް، ޒަރޫރީ ހާލަތެއްގައި މެނުވީ ނުދިޔުން ހިމެނެ އެވެ އަދި ރަށުގެ އެހެން މީހުންނާ ބައްދަލުކޮށް ނުހެދުމާއި ރެސްޓޯރަންޓް ފަދަ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭގެ އެ އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި ބުނެފައިވެއެވެ.

ކެތްތެރިކަން ކުޑަވެ، ހޯމް ކަރަންޓީނުގައި ހުރެފައި އެ މުއްދަތު ހަމަވެގެން ސާމްޕަލް ދިން އެކަކު އޭގެ ނަތީޖާ ނުލިބެނީސް ގެއިން ނުކުތް މައްސަލަ އެއް ރަށެއްގައި ފެންމަތިވިއެވެ. އެވަގުތުން ފެށިގެން އެރަށަށް އަރައި ފޭބުން ޖެހުނީ މަނާކުރާށެވެ. ދުނިޔޭގެ ގިނަ ސަރަހައްދުތަކުގައި ނެތް މިނިވަންކަމުގައި ތިބި އެ އާބާދީގެ އާއްމު ހާލަތު އެހިސާބުން ގެއްލުނީއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެމީހުން އުޅެން ޖެހުނީ ހާއްސަ ހާލަތެއްގައެވެ. މިއީ ކުޑަކުޑަ މިސާލެކެވެ. ނަމަވެސް ކޮމިއުނިޓީ ސްޕްރެޑްއެއް އޮތް މާލެއިން ހާއްސަ ހާލަތެއްގެ ދަށުން ރަށްރަށް އަރާ ގޭގޭ ސުފުރާމަތިން ކެފޭތަކުން ސައިބޮއެ ހެދޭނެ އުސޫލުގެ ސަބަބުން މިއަދު ތިލަދުންމަތީގެ ރައްޔިތުން ތިބެންމިޖެހުނީ ހާސްކަމެއްގެ ތެރޭގަ އެވެ.