700 މިލިއަން ޑޮލަރު ހޭދަކޮށްފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުއާއި މެދު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާލު އުފަށްދަވައިފިއެވެ.

ޝިޔާމް މިގޮތަށް ސުވާލު އުފެއްދެވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރަށް ވަމުންގެންދަވާ ޝިޔާމް ވިދާޅުވީ ޤައުމުގެ ރައްޔިތުންނަށް ނޭނގި ބޮޑެތިސިންގާހާ ނުރައްކާތެރި އެގްރީމެންޓްތަކުގައި ސޮއިކޮށް، ޤައުމުގެ ރައްޔިތުންނަށް ނޭނގި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހޭލައި، ކޮޅަށް ލޯހުޅުވައިގެން ތިއްބަ ވިއްކައިލާ ތަން ފެންނަމުން ދާ ކަމަށާއި ބޮޑެތި ކުށްތަކީ އެއީ ކަމަށެވެ.

ރައީސަކަށް ހުންނަވާ ބޭފުޅަކު، '' ދިވެހި ޤައުމު އެހެން ބައެއްގެ އަތްމައްޗަށް ދޭއިރުގައި ޤާނޫނުލްޢުޤޫބާތުން އެ ކުށްތައް ފެނެންޖެހޭ'' ވާހަކަ މި އިޞްލާޙުގައި އިތުރުކޮށްލުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

''އަޅުގަނޑު ގޮވާލަން، މިއަދު އިންޑިއާ އެކީގައި މި ހެދޭ އެގްރީމެންޓުތައް ނުރައްކާތެރި އެގްރީމެންޓުތަކެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަކުރަނީ. މި އެގްރީމެންޓުތައް ދިވެހި ރައްޔިތުންނާ ހިސާބަށް ތިލަކުރަންޖެހޭ. ތިލަވާން އެބަޖެހޭ. ދިވެހި ރައްޔިތުން މިހާ އުނދަގޫ ހާލަތެއްގައި ތިއްބައި އަވަސް އަރުވައިލާފައި 700 މިލިއަން ޑޮލަރު، 800 މިލިއަން ޑޮލަރު ދިވެހި ރައްޔިތުން ބޭނުންނުވާ ޕްރޮޖެކްޓުތަކަކަށް ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނަގާފައި ބޭނުންވާ ޕްރޮޖެކްޓުތަކަކަށް އިންވެސްޓުކުރަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ މި ފައިސާ''

ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހުޅުމާލޭގައި މިއަދު ބޭނުންވަނީ ކްރިކެޓް ސްޓޭޑިއަމެއް ނޫން ކަމަށެވެ. ނަމަވެސް ކްރިކެޓް ވެސް ކުޅެންވީ ކަމަށެވެ.

''އެކަމަކު، ދިވެހި ރައްޔިތުން މި ހާލަތުގައި ތިއްބާ 700 މިލިއަން ޑޮލަރު ހޭދަކޮށްފައި ހަނިމާދޫ އެއަރޕޯޓްތޯ އެކްސްޕެންޑުކުރަންވީ؟ މިއީ އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ ކަންތައްތައް. ހަނިމާދޫއަށް މިހާރުވެސް ބަރާބަރަށް ފްލައިޓުތައް އެބަ އޮޕަރޭޓްކުރޭ.''

ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ 9 މަސްވެގެން ދިޔައިރު އަދިވެސް ރަށެއްގައި ބޭނުންކޮށްލާނެ މާސްކެއްވެސް ނުލިބޭ ކަމަށެވެ. އަދި އަސާސީ އެތައް ކަންތައްތަކެއް ހާސިލުނުވެ މިއަދު ވެސް ރައްޔިތުން ދާއިރާތަކުގައި އެބަތިބި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

''އިންޑަސްޓްރީތަކުގައި މަސައްކަތްކުރަމުންދިޔަ އެތައް ދިވެހި ރައްޔިތުންނެއްގެ ވަޒީފާ ގެއްލިގެން ހާލުގައި ޖެހިފައި ތިބި ދިވެހި ރައްޔިތުންގެ ނަމުގައި ލޯނުތައް ނަގައިގެން ކައިރި އަވައްޓެރި އިންޑިއާއިން ބޭނުންވާ ޕްރޮޖެކްޓުތަކަކަށް އެ ލޯނުތައް ހޭދަކުރެވިގެންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. މިއީ ހިތާމަހުރި ކަމެއް.''

ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ ދިވެހި ސަރުކާރުން މިއަދު އިންޑިއާއި އެކީގައި ހަދަމުންދާ އެގްރީމެންޓުތައް ވަރަށް ބޮޑަށް ތިލަކުރަން ޖެހޭ ކަމަށާއި، އެއީ ކޮން އެގްރީމެންޓުތަކެއް ކަން ދިވެހި ރައްޔިތުންނަށް އިނގެންޖެހޭ ކަމަށެވެ. އަދި އެ އެގްރިމެންޓްތަކުގައި ލިޔެވިފައި ހުރީ ކޮން ކަންތަކެއްކަން މިއަދު ދިވެހި ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.

''މި އެގްރީމެންޓުތައް މިއަދުން މިއަދަށް، މިހާރުން މިހާރަށް އެބަޖެހޭ ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން''

ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ދަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރަމުންނެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ނިމިދިޔަ ސަރުކާރުގައި ވެސް ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއަރޕޯޓް، ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަކީ ރައީސް ޔާމީންގެ ކެމްޕޭން ވައުދެކެވެ. ނަމަވެސް އެ ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުނުއިރު އެމަސައްކަތް ކޮށްފައެއް ނުވެއެވެ.