ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކޮށް، ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން އެތައް ބައިވަރު ހުކުމްތައް ކުރެވި، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމު ކުރުމުގެ އެންމެ އިސް އެއް ރޯލެއް އަދާ ކުރަމުންދާ ދިވެހިރާއްޖޭގެ ހައި ކޯޓަށް 40 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
1980 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމް ނެރުއްވެވި ޤަރާރަކާއި އެކު، ދިވެހިރާއްޖޭގެ ހައިކޯޓު ވަނީ އުފެދިގެން އައިސްފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އިއްޔެ 40 އަހަރު ފުރުނު އިރު، އެ މުނާސަބަތުގައި އެ ކޯޓުން ވަނީ ގިނަގުނަ ކަންތައްތަކެއް ކުރައްވާފައެވެ.
މިގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ހައިކޯޓަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ވަނީ ސަޕްލިމެންޓްއެއް ނެރެފައެވެ. މި ސަޕްލިމެންޓް ނެރެދެއްވާފައިވަނީ، ފަނޑިޔާރު އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ. އަދި ކޯޓުގެ ތާރީޚަށް ނިސްބަތްކޮށް ލިޔުއްވާފައިވާ "ދިވެހިރާއްޖޭގެ ހައިކޯޓު: ޚިދުމަތުގައި40 އަހަރު" ނެރެދެއްވާފައިވަނީ، ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ހަމީދެވެ.
ހައިކޯޓުގެ މަސައްކަތްތަށް އެއް ގޮތަކަށް އެއް ހަރުފަތަކަށް ގެނައުމަށް އެއް ފޮތަކުން ދައްކުވައިދިނުމުގެ މުހިންމުކަން އަބަދުމެ އޮންނަ އިރު، މި40 އަހަރު ފުރޭ މުނާސަބަތުގައި މި ފޮތް ނެރެދެއްވާފައިވަނީ، ފަނޑިޔާރު އަލްއުސްތާޒު އަލީ ސަމީރެވެ.
ކޯޓުގެ އެންމެހާ ކަންކަން ޒަމާނު ތެރެއަށް ވެއްދުމަށް ޓެކްނޮލޮޖީއާއި ރައްޓެހި ކުރުމަށް ޚިދުމަތްތަށް ޒަމާނީ ކުރުމަށް ތައްޔާރުކުރެވިފައިވާ ކޯޓް މޮޑިއުލް ފައްޓަވައި ދެއްވާފައިވަނީ އަލްއުސްތާޒް މުހައްމަދު ނިޔާޒެވެ.

ހައިކޯޓަކީ، ދިވެހި ރައްޔިތުންނާއި ރައްޓެހި، ފަސޭހަ، ޚިދުމަތްތަށް އަވަހަށް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް، ކޯޓުގެ އަމާޒު ދާއިރާއަކަށް ބަހާލެވިފައިވާ އިރު، ކޯޓަކީ ޒަމާނާއި އެއްގޮތަށް ތަރައްޤީވެފައިވާ ކޯޓަކަށް ހެދުމަށްވެސް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަން ނިންމާފައެވެ. އަދި ހަމަ އެހެންމެ، ކޯޓުގައި ޚިދުމަތް ދިނުމަށް ތިބޭ އެންމެހާ ފަރާތްތަކަކީ، ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ޤާބިލު ބައެއްގެ ގޮތުގައި ހެދުމަށް ކޯޓުން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަން ފާހަގަކޮށްލަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!