މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް ޚާއްސަކޮށްގެން ހިންގާ ޤިރާއަތު ކޯހުގެ ލެވެލް 3 ގެ ފަސް ބެޗްގެ ކިޔެވުން މާފުށި ޖަލުގައި ފަށައިފިއެވެ.

މިކޯހަކީ ކީރިތި ޤުރުއާން ކިޔަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާއަތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ޚާއްޞަކޮށްގެން އެމްސީއެސް އިން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

7 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރްއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އެމްސީއެސް އިން ބުންޏެވެ. އަދި މި ކޯހުގައި ބައިވެރިވެވޭނީ ޤިރާއަތު ލެވެލް 2 ފުރިހަމަކޮށްފައިވާ ޤައިދީންނަށް ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.

އެމްސީއެސް އިން ބުނީ މިފަހަރު ކިޔެވުން ފެށި ފަސް ބެޗްގައި ޖުމްލަ 131 ގައިދީއަކު ބައިވެރިވެފައި ވާކަމަށެވެ. މިގޮތުން ބެޗް 6 ގައި 19 އަންހެން ޤައިދީން ބައިވެރި ވެފައިވާއިރު، ބެޗް 7 އާއި 9 ގައި 28 ޤައިދިން ބައިވެރި ވެފައިވެއެވެ. އަދި ބެޗް 8 ގައި 29 ޤައިދީންނާއި ބެޗް 10 ގައި 27 ޤައިދީން ބައިވެރި ވެފައިވެއެވެ.

ކޯހުގެ އަންހެން ބައިވެރިންތަކެއް، ފޮޓޯ: އެމްސީއެސް

އެމްސީއެސް އިން ބުނީ ޤިރާއަތު ކޯހުގެ ލެވެލް 3 ނިމޭއިރު ކީރިތި ޤުރްޢާންގެ 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެ ކަމަށެވެ. އަދި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އިނގުމުގެ އިތުރުން، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގިގެންދާނެއެވެ.

މީގެއިތުރުން އަޙްލާޤީ ރިވެތި ސިފަތައް ވެސް މި ކޯހުގައި އުންގަންނައި ދެވޭނެ ކަމަށް ވެސް އެމްސީއެސް އިން ބުންޏެވެ.

އެމްސީއެސް އިން ހާމަކުރަށްވާ ގޮތުގައި މި ކޯސް ފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް 4 އިން ޤިރާތް ކޯސް ހެދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.