އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށް، އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަހްސަން އުލް ހަސަން (30އ) އާއި، މުހައްމަދު އަލީ ބާއިގް (41އ) އާއި، މުހައްމަދު ސާދު ވަރްސީ (22އ) އަދި އަބްދުﷲ އަލީ ހަސަން (34އ) އެވެ. މި ހަތަރު މީހުންނަކީވެސް ޕާކިސްތާން ފިރިހެނުންނެވެ.
މި ހަތަރު މީހުންނަކީ ވެސް އެމީހުންނާއިމެދު ކަސްޓަމްސްއަށް ޝައްކުވުމުން، ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން ހައްޔަރު ކުރި ކަމަށް ކަސްޓަމްސްއިން އިއްޔެ ހާމަ ކުރި ހަތަރު މީހުންނެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި ޕާކިސްތާން ހަތަރު މީހެއްގެ އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުކުރެވިގެން ފުލުހުންނަށް މައުލޫމާތު ދިނުމާގުޅިގެން ކަމަށެވެ.
''އެގޮތުން އެ މީހުން ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ. އަދި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެމީހުން ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އެމީހުންގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް އެނގިފައިވެއެވެ.'' ފުލުހުން ބުންޏެވެ.
އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުން ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 81 ބުލެޓް ފެނިފައިވާ ކަމަށާއި، މިތަކެތީގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުންވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށެވެ.
ކަސްޓަމްސްއިން އިއްޔެ ވަނީ މި ހަތަރު މީހުންގެ އިތުރުން ކެންޔާ އަންހެނެއްވެސް އަތުލައިގަނެ ފުލުހުންނާއި ހަވާލު ކޮށްފައިވާ ކަމަށް ބުނެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!