އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ.

އެ މައްސަލައިގައި އަތުގަނެފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި ކެންޏާގެ އަންހެނެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Ad
rt

ކަސްޓަމްސްއިން އަތުލައިގަތް ޕާކިސްތާނުގެ ހަތަރު ފިރިހެނުންނަކީ މިދިޔަ މަހު 11 ވަނަ ދުވަހު ރާއްޖެއައި އީކޭ 656 ފްލައިޓުން ރާއްޖެ އައި ބައެކެވެ. އެމީހުންގެ އުމުރަކީ 34،30،22 އަދި 41 އަހަރެވެ.

އެ ހަތަރު މީހުންގެ ހަރަކާތްތައް ހުރިގޮތުން ޝައްކުކުރެވިގެން އިތުރަށް ސުވާލުކޮށް ބަލާފާސްކުރިއިރު އެމީހުންގެ އެތެރެ ހަށީގައި އެއްޗެއް ރައްކާކޮށްފައިހުރި ކަމަށް ބެލެެވިގެން މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އޮޕަރޭޝަނެއް ހިންގިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މިގޮތުން ހިންގި އޮޕަރޭޝަންގައި އެ މީހުން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާ ފާސްކުރިއިރު ހެރޮއިން އަޅާފައިވާ 81 ބުލެޓް ފެނިފައިވާކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ 81 ބުލެޓްގެ ބަރުދަނުގައި 791 ގްރާމް ހުރި އިރު، އެތަކެތީގެ މަގުމަތީ އަގު 632،800 ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން އަތުލައިގަތް ކެންޏާގެ އަންހެން މީހާގެ އުމުރަކީ 27 އަހަރެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހު 29 ގައި ރާއްޖެއައި އީކޭ656 ފްލައިޓުންނެވެ. އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިހުރި 53 ބުލެޓް ފެނިފައިވެއެވެ.

އެ ފަސް މީހުންނާއި އެ މީހުންގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ރޭ ވެސް ކަސްޓަމްސްއިން ވަނީ ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި 28 އަހަރުގެ ބަންގްލަދޭޝްމީހެއްގެ އަތުން 3,558,400 (ތިން މިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާގެ މަގުމަތީ އަގުހުރި ކެނަބިސް އަތުލައިގެންފައެވެ.